ރޯދަ
ޝަރީޢަތުގައި ރޯދައަކީ ފަޖުރުއްޞާދިޤުގެ އަލިކަން ފާޅުވީއްސުރެ އިރު
އޮއްސެންދެން ޚާއްޞަ ނިޔަތަކާއެކު ރޯދަގެއްލޭ ކަންތައްތަކާ ދުރުހެލިވެގެން
ހުރުމެވެ. ރަމަޟާންމަހުގެ ރޯދައަކީ ފަރުޟު ރޯދައެއްކަމަށް
ކީރިތި ޤުރުއާނާއި، ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތާއި
އުންމަތުގެ އިޖުމާޢުގައި އައިސްފައިވެއެވެ. މާތްﷲ
ވަޙީކުރެއްވި ބަސްފުޅެއްގެ މާނާގައިވެއެވެ. "އޭ އީމާންވީ
މީހުންނެވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗައް ރޯދަ ފަރުޟުކުރެއްވުނުފަދައިން، ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ ފަރުޟުކުރެވިއްޖެއެވެ. އެއީ ތިޔަބައިމީހުން ތަޤްވާވެރިވުމަށްޓަކައެވެ.
ރަމަޟާންމަސް ގާތްވުމުން އެމަހުގެ މާތްކަން އުއްމަތަށް ބަޔާންކުރައްވަމުން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވިދާޅުވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ހަމަކަށަވަރުން ބަރަކާތްތެރިވެގެންވާ މައްސަރެއް ތިޔަބައިމީހުންގެ ގާތަށް އަތުވެއްޖެއެވެ. ﷲ ތިޔަބައިމީހުންގެ މައްޗަށް އެމަހުގައި ރޯދަ ހިފުން ފަރުޟުކުރައްވައިފިއެވެ. އަދި އެމަހުގައި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވެއެވެ. އަދި ނަރަކައިގެ ދޮރުތައް ބަންދުކުރެވެއެވެ. އަދި ޝައިޠާނުން ކަސްތަޅުއެޅުވެއެވެ. އެމަހުގައި، އެއްހާސް މައްސަރަށްވުރެން ހެޔޮކަންބޮޑު ރެއެއްވެއެވެ. އެރޭގެ ހެޔޮކަމުން މަޙްރޫމުވެއްޖެމީހާ، ފަހެ ހަމަކަށަވަރުން މަޙްރޫމް ވެއްޖެއެވެ." މިޙަދީޡް ރިވާކުރެއްވީ އަލްއިމާމް އަޙްމަދާއި، އަލްއިމާމު ނަސާއީއާއި، އަލްއިމާމު ބައިހަޤީއެވެ.
ރޯދަ ވާޖިބުވަނީ ވަކި ޝަރުޠުތަކެއް ފުރިހަމަވެފައިވާ މީހުންގެ މައްޗަށެވެ.
އެއީ: ބާލިޣުވެފައިވާ ބުއްދި ސަލާމަތުން ހުރި މުސްލިމުންގެ ތެރެއިން ރޯދަ ހިފުމަށް
ކުޅަދާނަ މީހުންނެވެ. އަދި އެއީ ރަށުގައި ޤާއިމުވެ ހުރި (ދަތުރުވެރިއަކު ކަމުގައި
ނުވުން) މީހަކަށްވެސް ވާން ވާނެއެވެ.
ރޯދަ ވާޖިބުވުމުގެ ޝަރުޠުތަކެއް ހުންނަ ފަދައިން ރޯދަ ޞައްޙަވާނީވެސް ވަކި
ޝަރުޠުތަކެއް ފުރިހަމަވުމުންނެވެ. އެ ޝަރުޠު ތަކަކީ: ރޯދަ ހިފާ މީހާއަކީ މުސްލިމަކު
ކަމުގައި ވެފައި ބުއްދި ސަލާމަތުން ހުރި މީހެއްކަމުގައި ވާންޖެހެއެވެ. އަދި ޙައިޟު
ނިފާސްކަމުން ޠާހިރުވެ ހުރުމަކީވެސް ރޯދަ ޞައްޙަވުމުގެ ޝަރުޠެކެވެ. އަދި ހަމަ
އެހެންމެ ރޯދަ ގެއްލޭ އެންމެހާ ކަންތަކުން ދުރުވެގެން އެމީހާ ހުންނަން ޖެހެއެވެ.
ރޯދަ ހިފާއިރު ކޮންމެހެން ފުރިހަމަވާންޖެހޭ ކަންތައްތަކެއް ހުރެއެވެ. އެއަށް ކިޔަނީ ރޯދައިގެ ފަރުޟުތަކެވެ. އެއީ: ފަރުޟު ރޯދައަށް ރޭގަނޑު ނިޔަތްގަތުމާއި އަދި ފަޖުރުއްޞާދިޤުގެ އަލިކަން ފާޅުވީއްސުރެ އެދުވަހުގެ އިރުއޮއްސިއްޖައުމަށްދާންދެން ރޯދަގެއްލޭ ކަންތައްތަކާ ދުރުހެލިވެގެން ހުރުމެވެ.
ރޯދައަށް ހުންނަ މީހާ ވަކި އުޒުރުތަކެއް މެދުވެރި ވެއްޖެނަމަ ރޯދަ ވީއްލުމަކީ
ހުއްދަކަމެކެވެ. އެއީ: ރޯދައަށް ހުރުމުގެ ސަބަބުން ތިމާއަށް ބޮޑު ގެއްލުމެއް
ލިބިދާނެކަމަށް ހީކުރެވިފައިވާ ބަލިމީހާ ނުވަތަ ރޯދައިގެ ސަބަބުން އޭނާގެ ބަލި
އިތުރަށް ގޯސްވެދާނެކަމަށް ހީކުރެވޭ ބަލިމީހާ ރޯދަ ދޫކޮށްލުން ހުއްދައެވެ. އަދި ދަތުރެއްގެ
މަތީގައިވާ މީހާއަށްވެސް ރޯދަ ދޫކޮށްލެވޭނެއެވެ. ނަމަވެސް މިފަދަ މީހާއީ ހުއްދަ
ދަތުރެއްގައި 83 ކިލޯމީޓަރ ދުރަށް ދަތުރުކުރާ މީހެއް ކަމުގައި ވާންވާނެއެވެ. މުސްކުޅިވެގެން
ގައި ބާރުދެރަވެފައިވާ މީހާއަށްވެސް ރޯދަ ދޫކޮށްލުން ހުއްދައެވެ. މިފަދަ މީހާ
ފަހުން އެ ރޯދަ ހިފުމުގެ ބަދަލުގައި މިސްކީނުންނަށް ކާންދޭނީއެވެ.
ރޯދައަށް ހުރެ ކުރާ ބައެއް ކަންތައްތަކަކީ އޭގެ ސަބަބުން ރޯދަ ގެއްލޭ
ކަންތައްތަކެކެވެ. މިސާލަކަށް: ކެއުމާއި ބުއިން، ތިމާގެ އެތެރެހަށްޓަށް ގަސްދުގައި
އެއްޗެއް އެތެރެކުރުން، ގަދަކަމުން ހޮޑުލުން، މުޅި ދުވާލު ގަނޑުވެފައި ހުރުން، މޮޔަވުން
އަދި މުރުތައްދުވުން ފަދަ ކަންތައްތަކުގެ ސަބަބުން ރޯދަ ގެއްލޭނެއެވެ. އަދި
މިނޫނަސް ރޯދަ ގެއްލޭ ބައެއް ކަންތައްތައް ހުރެއެވެ.
ރޯދައަށް ހުންނަ މީހާ ކުރުން މަކުރޫޙަ ކަންތައްތަކެއްވެސް ހުރެއެވެ. އެއީ: ރޯދަ
ވީއްލާނޭ ގޮތް ހުރެ ރޯދަ ވީއްލުން ފަސްކުރުމާއި، ހާރު ނުކައި ރޯދައަށް ހުރުމާއި، ހަޑިހުތުރު
ބަސްތަކުން ވާހަކަދެއްކުމާއި، ޖުނުބުވެރިޔާ ހިނައިގަތުން ފަސްކުރުމާއި އަދި ރޯދައަށް
ހުރެ އެއްވެސް ހެޔޮޢަމަލެއް ނުކޮށް ހުރުން ފަދަ ކަންތައްތަކެވެ.
ރޯދަވެރިޔާ ކުރުން މަކުރޫޙަ ކަންތައްތަކެއް ހުންނަ ފަދައިން ރޯދަވެރިޔާއަށް
ސުންނަތް ކަންތައްތަކެއްވެސް ވެއެވެ. އެއީ: ހާރުކެއުމާއި، ހާރުކެއުން ފަސްކުރުމާއި
އަދި ރޯދަ ވީއްލުން އަވަސްކުރުމެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޡްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ތިޔަބައިމީހުން ހާރުކާށެވެ. ފަހެ ހާރުކެއުމުގައި
ބަރަކާތްހުއްޓެވެ. އަދި (ރޯދަވީއްލާ ވަގުތު އައުމުން) އަވަހަށް ރޯދަވީއްލުމާއި،
(ވީހާވެސް ވަގުތާއި ގާތްކޮށް) ހާރުކެއުން ލަސް ކުރާހާ ހިނދަކު މީސްތަކުން ހެޔޮކަމުން ފިލައިނުދާނެއެވެ."
ރޯދައަކީ އޭގައި ވަރަށް ގިނަ
ފައިދާތަކެއްވެސް ވާ އަޅުކަމެކެވެ. ރަމަޟާންމަހު، މުސްލިމުން ރޯދަހިފަނީ
އެކަމުގައި ހިމެނޭ ޞިއްޙީ ފައިދާތައް ހޯދައިގަތުމަކަށް
އެކަންޏެއް ނޫނެވެ. އެކަންތައްތަކަކީ ދެވަނަ ފައިދާއެކެވެ. ބަރުދަން
ލުއިކުރުމަށް، ހަޖަމުކުރާ ނިޒާމަށް އަރާމެއް ދިނުމަށް އަދި ސަރުބީ
ދަށްކުރުމަށް ރޯދަހިފުމުން އެހީވެދެއެވެ.
މި ޒަމާނުގައި، ރޯދަހިފުމުގެ
ފައިދާ ބޮޑުކަން އެތައް ޑޮކްޓަރުންނެއް ފާހަގަ ކުރައްވާފައިވެއެވެ.
ރޯދަހިފުމަކީ މީހާގެ ހަށިގަނޑުގެ ދުޅަހެޔޮކަމާއި، ސިކުނޑީގެ
ދުޅަހެޔޮކަން ދަމަހައްޓައިދޭ ކަމެކެވެ. މީގެ ތެރެއިން ބައެއް ކަންތައްތަކަކީ
އެމީހާގެ ހަށިގަނޑަށް ސީދާ އަސަރުކުރާ ކަންތައްތަކެކެވެ. އަނެއްބައި
ކަންތައްތަކަކީ ދިރިއުޅުމުގެ އެކި ދާއިރާތަކަށް ތަފާތު ގޮތްގޮތަށް
އަސަރުކުރާ ކަންތައްތަކެކެވެ. ރޯދައިގެ ސަބަބުން ލުއިލިބޭ ތަފާތު
ބަލިތަކުގެ ތެރޭގައި، ހަޖަމުކުރާ ނިޒާމުގެ ތަފާތު ބަލިތައް، (މިސާލަކަށް،
ދާއިމީގޮތެއްގައި ބަނޑުގައި ރިއްސުން، ބޮޑުގޮހޮރު ދުޅަވުން، ޗިސްމޭގެ ބަލިތައް،
ހަޖަމުކުރުން އުނދަގޫވުން) ހިމެނެއެވެ. މީގެ އިތުރުން، އާދަޔާޚިލާފަށް ފަލަވުމާއި،
ލޭހޮޅިތަކުގައި ސަރުބީޖެހުމާއި، ލޭމައްޗަށް ދިއުމާއި، ނޭވާއަށް
އުނދަގޫކުރުން އަދި ޑިޕްތީރިއާ ފަދަ އެތައް ބަލިތަކަކަށް ފަރުވާކުރުމުގައި
ރޯދަ އެހީވެދެއެވެ.
ސްވިޒަލޭންޑްގެ ޑޮކްޓަރެއްކަމަށްވާ ޑރ.ބާރސިލަސް ހާމަކުރާ ގޮތުގައި، ފަރުވާއެއްގެ ގޮތުގައި ރޯދަހިފުމުގެ ފައިދާ، ބައިވަރު ބޭސްތަކެއް ކެއުމަށްވުރެ އެތައް ގުނައެއް ބޮޑެވެ.
ރޯދަމަހުގެ ރޯދައަކީ
ހަށިގަނޑުގައި ހުންނަ ހަކުރުގެ މިންވަރު ދަށްކުރުމުގައި ވަރަށްބޮޑަށް
އެހީވެދޭ ކަމެކެވެ. މިގޮތުން އިންސިއުލިން ބޭނުންނުވާ ހަކުރުބަލީގެ
މީހުންނަށް، ރޯދަހިފުމަކީ ވަރަށް ފައިދާހުރި ކަމެކެވެ.
ރޯދަ ހިފުމުން ނަފްސާނީ
ފައިދާތަކެއްވެސް އިންސާނާއަށް ކުރެއެވެ. ރަމަޟާންމަހު ރޯދަހިފާ މީހުން
ހާސްކަން ކުޑަވެ، ހަމަޖެހުން ލިބެއެވެ. މި ނަފްސާނީ ހަމަޖެހުން ބިނާވެފައި
އޮންނާނީ، ރޯދައަށް ހުންނައިރު ހަށިގަނޑުގެ ގުލްކޯސްގެ މިންވަރު ހިފެހެއްޓިފައި
ހުންނަ ކަމުގެ މައްޗަށެވެ. ރޯދަހިފުމަކީ، އިންސާނާއާއި އޭނާ ހެއްދެވި ފަރާތާއި
ދެމެދު ކުރެވޭ ޚާއްޞަ އަޅުކަމެކެވެ. އެހެނީ އަޞްލުގައިވެސް އޭނާ ހުރީ
ރޯދައަށްކަން އެނގޭނެ، އެކަލާނގެ ފިޔަވައި ދެވަނަ ފަރާތެއް ނުވެއެވެ.
މަޢުލޫމާތު ނެގީ:
ފަސޭހަ ފިޤުހު: 2