ޙަޤީޤީ ވާހަކަ
އެއީ 1970 ގެ
ފަހުކޮޅުގެ ދުވަސްތަކެވެ. އަހަރެން ދިރިއުޅެމުން ދިޔައީ މުތްތަކެއްހެން އެތުރިފައިމިވާ
ރާއްޖޭގެ ރީތި ރަށްތަކުގެތެރެއިން ރަށެއްގައެވެ. އަހަރެންގެ ޢާއިލާގައި އޭރު ތިބީ
އަހަރެންގެ މަންމައާއި ބައްޕަގެ އިތުރުން އެއްބަނޑު އެއްބަފާ ދައްތައަކާއި ފިރިހެން
ކޮއްކޮއެކެވެ. ބައްޕަ އާމްދަނީ ހޯދަން މަސައްކަތް ކުރަމުން ދިޔައީ މާލޭގައި
ކަމަށްވާތީ ރަށުގައި އުޅެމުން ދިޔައީ އަހަރުމެން ތިންބެއިންނާއިއެކު މަންމަ
އެކަންޏެވެ.
އަހަރެންގެ
މަންމައާއި ބައްޕައަކީ ވެސް މަސައްކަތްތެރި ދެމީހުންނެވެ. އެދުވަސްވަރު މަންމަގެ
މައިގަނޑު މަސައްކަތަކީ ފަންގިވިޔުމާއި ރޯނުވެށުމެވެ. އަބަދުވެސް މަންމަ ކުރާ
މަސައްކަތުގައި އަހަރުމެން ތިންބެއިން ބައިވެރިވެ މަންމައަށް އެހީތެރިވެދެމެވެ.
އަހަރުމެން އުޅެމުންދިޔަ
ގެޔަކީ އެއްބައި ރާނާފައި ޓިނުން ހިޔާކޮށްގެން، އަނެއްބައި ފަނުން ބިއްގަނޑު
ހަދާފައި ފަނުން ހިޔާކޮށްގެން ހަދާފައި ހުރި ގެއެކެވެ. ފަނުން ހަދާފައި ހުރި
ބަޔަކީ މަންމަ ވިޔާ ފަންގިޔާއި ރޯނު ބޮނޑިތައް ރައްކާކޮށްފައި ހުންނަ ބައެވެ.
އެއްރެއެއްގެ ފަތިހު
އަހަންނަށް ހޭލެވުނީ ފާޚާނާއަކަށް ދާން ޖެހިގެންނެވެ. އޭރަކީ ގޭގޭގައި ފާޚާނާ ހުންނަ
ދުވަސްވަރަކަށް ނުވާތީ، ފާޚާނާ ކޮށްއުޅެނީ އަތިރިމައްޗަށެވެ. ނުވަތަ ގިފިލީގައި
ވަޅުކޮނެގެންވެސް ފާޚާނާ ކޮށް އުޅެއެވެ. އޭރަކީ ކަރަންޓުވެސް ރަށްރަށަށް އަދި ނުލާ
ދުވަސްވަރަކަށް ވާތީ އަލިކުރުމަށް ގެންގުޅެނީ ފުޅިބައްތިއާއި އަތްބައްތިއެވެ. އެރޭ
މަންމަ އަހަރެން ފާޚާނާ ކުރުމަށް ބެއިންދީ ގިފިލީގައެވެ. ގިފިލި ހުންނަނީ ގޭގެ
ފަނުން ހަދާފައި ހުރި ބަޔާއި ޖެހިގެންކަމަށް ވާތީ އަހަރެން އިނީ ފަނުން ހަދާފައި
ހުރި ބިއްގަނޑުގެ ކައިރީގައެވެ. އަހަރެން އެތާ ބައިންދާފައި އަހަރެންގެ ކައިރީގައި
އަތްބައްތިއެއް ބަހައްޓާފައި، "މި ބައްތި ބިއްގަނޑާއި ކައިރި ނުކުރާށޭ"
މަންމަ ބުންޏެވެ. އަދި ނިމުނީމައި މަންމައަށް ގޮވާލާށޭ ބުނެފައި މަންމަ ވަނީ
ގޭތެރެއަށެވެ.
މަންމަ ގޭތެރެއަށް
ވަނީމައި އަހަރެންގެ ހިތަށް އެރިއެވެ. ބައްތި ބިއްގަނޑާއި ކައިރި ނުކުރާށޭ މަންމަ
އެ ބުނީ ކީއްވެބާވައެވެ؟ ބައްތި ބިއްގަނޑާއި ކައިރި ކޮށްފިއްޔާ ވާނީ ކިހިނެއްބާވައެވެ؟
މިހެން ހިތަށްއަރާފައި، ކައިރި ކުރީމާ ވާގޮތެއް ބަލާލަން ބައްތި ގެނެސް
ބިއްގަނޑުގެ ކައިރީގައި ބަހައްޓައިފީމެވެ. ހަމަ ބެހެއްޓުމާއެކު ބިއްގަނޑުގައި
އަލިފާން ރޯވިއެވެ. އަހަރެން މަސައްކަތް ކުރީ ވެލި އުކައިގެން އަވަހަށް
ނިއްވާލެވޭތޯއެވެ. މަންމަ ނުކުރާށޭ ބުނެފައި އޮތް ކަމެއް ކުރެވިގެން މިހެންވީމާ
މަންމައަށް ގޮވާކަށް ނުކެރުނެވެ. އަލިފާންގަނޑު ބޮޑުވަމުން ދިޔަވަރަށް އަހަރެން
ފަހަތަށް ޖެހެމުން ދިޔައީމެވެ. އެ ބަޔަކީ ވިޔެފައި ހުރި ވަރަށްގިނަ ފަންގިޔާއި
ވަށާފައި ހުރި ރޯނުބޮނޑިތައް ހުރި ބައި ކަމަށްވާތީ އަލިފާންގަނޑު ވަރަށް އަވަހަށް
ބޮޑުވެގެން ދިޔައެވެ.
މަންމަ އާއި
އަހަރުމެން ތިންބެއިން ނިދަނީ ރާނާފައި ޓިނުން ހިޔާކޮށްފައި ހުރި ބައިގައެވެ.
އަހަރެން އެތާނގައި ބައިންދާފައި ވަދެ އޮށޯންތަނާ މަންމައަށް ވަނީ ނިދިފައެވެ.
ކުއްލިއަކަށް މަންމައަށް ހޭލެވުނީ އެބައިގެ ފުރާޅުގައި ރޯވެ އަލިފާނުގެ ހޫނުކަން
އިހުސާސް ކުރެވުމުންނެވެ. މަންމައަށް ހޭލެވުމާއެކު ގޭތެރޭގައި ނިދާފައި ތިބި
ދެކުދިންގެ މަތިންވެސް ހަނދާންނެތި އަލިފާންގަނޑުގެ ތެރެއިން ދުވެފައި އަހަރެން
ހުރި ބަޔަށް ނިކުތެވެ. އަދި އަޑަށް ލެވުނުހާ ބާރެއް ލާފައި "އަލިފާނޭ،
އަލިފާނޭ" ގޮވަމުން ދިޔައެވެ. އެ ގަޑިއަކީ ފަތިހު މީހުން ހޭލައިގެން އުޅޭ
ގަޑިކަމަށްވާތީ ވަރަށް އަވަހަށް ގެކައިރިއަށް މީހުން އެއްވެ ބޭރުން ވަންނަން ހުރި
ދޮރު ހަލާކު ކޮށްލައިގެން ވަދެ އަހަރެންގެ ދައްތައާއި ކޮއްކޮ ސަލާމަތް ކުރިއެވެ.
އޭރު އެމީހުން ބޯ އަޅައިގެން ތިބި ބާލީހުގެ ބައެއް ވަނީ އަނދާފައެވެ. ނަމަވެސް ﷲ
ގެ ރަޙުމަތުން އަހަރުމެން ހަތަރު މީހުން ކުރެ އެއްވެސް މީހެއްގެ ހަށިގަނޑަށް
އަލިފާނުން އެއްވެސް ގެއްލުމެއް ނުވެއެވެ. ނަމަވެސް އަހަރުމެން އުޅެމުން ދިޔަ ގެ
އެއްކޮށް އެނދިއެވެ. ސަލާމަތުން ހުރީ ފާރުތައް އެކަންޏެވެ.
ވާހަކައިގެ ޢިބުރަތް:
މި ވާހަކައިން ބޮޑެތި
މީހުން ލިބިގަންނަންވީ ޢިބުރަތަކީ ކުޑަކުއްޖެއް ގާތުގައި ކަމެއް ނުކުރަން ބުނާއިރު
އެކަމުން ވާނެ ގެއްލުން އެކުއްޖާއަށް ވިސްނައިދިނުމެވެ. އަދި ކުޑަކުދިން
ލިބިގަންނަންވީ ޢިބުރަތަކީ ބޮޑެތި މީހުން ކަމެއް މަނާކުރާނީ އެކަމުން ގެއްލުމެއް
ލިބިދާނޭތީކަން ވިސްނައި ނުކުރާށޭ ބުނާ ކަންތައް ނުކޮށް އުޅުމެވެ.

No comments:
Post a Comment