Saturday, April 16, 2016

ނަމާދު

ނަމާދު
ނަމާދަކީ ޚާއްޞަ ޢަމަލުތަކަކާއި ކިއުންތަކެއްގެ މައްޗަށް އެކުލެވިގެންވާ އަޅުކަމެކެވެ. ނަމާދު ތަކުބީރުން ހުޅުވާލެވެއެވެ. އަދި ތަސްލީމަކުން ނިންމާލެވެއެވެ. އެބަހީ: الله أكبر އިން ފެށެއެވެ. السلام عليكم ނިންމާލެވެއެވެ.
ނަމާދަކީ އިސްލާމްދީނުގައި އެއަޅުކަމެއް އަދާކުރުމަށް އެންމެ ބާރު އަޅުއްވާފައިވާ އަޅުކަމެވެ. ނަމާދަކީ އަޅުކަންތަކުގެ ތެރެއިން މާތްﷲގެ ޙަޟްރަތުގައި އެންމެ މަތިވެރިވެގެންވާ އަޅުކަމެވެ. އަދި އެއީ ތިމާގެ ވެރިރަސްކަލާނގެ ޙަޟްރަތަށް ކުއްތަންވެވޭ އެންމެ ހެޔޮގޮތެވެ. ނަމާދަށް ރައްކާތެރިވާ މީހާއަށްޓަކައި އެނަމާދު، ޤިޔާމަތްދުވަހު ނޫރަކަށް އަދި ޙުއްޖަތަކަށް ވާނެއެވެ.
ނަމާދުގެ މުހިއްމުކަން ކީރިތި ޤުރުއާނުންނާއި، މާތް ނަބިއްޔާ މުޙައްމަދުއް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުން ވަރަށް ރީތިކޮންފެންނަން އެބައޮތެވެ. رَسُولُ الله ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. "ހުރިހާކަމެއްގެ އަޞްލަކީ އިސްލާމްދީނެވެ. އަދި އޭގެ ތަނބަކީ ނަމާދެވެ. އަދި އޭގެ ކުރިބޯއްޓަކީ ﷲގެ މަގުގައި ޖިހާދު ކުރުމެވެ." އަޅުކަންތަކުގެތެރެއިން އެންމެ ފުރަތަމަ ކުރުމަށް ފަރުޟު ކުރެއްވި އަޅުކަމަކީވެސް ނަމާދެވެ. މާތްﷲ އެހެން އެއްވެސް މެދުވެރިއަކާއިނުލައި ފަރުޟުކުރެއްވި އަޅުކަމަކީވެސް ނަމާދެވެ. ނަމާދު ފިޔަވާ އެހެން ހުރިހާ އަޅުކަމެއްވެސް ފަރުޟު ކުރައްވާފައިވަނީ ޖިބުރީލުގެފާނުން މެދުވެރި ކުރައްވައިގެންނެވެ.
ސޫރަތުލް އަޢުލާގެ 14 އަދި 15 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ.  قَدْ أَفْلَحَ مَن تَزَكَّى   وَذَكَرَ اسْمَ رَبِّهِ فَصَلَّى މާނައީ: "(ކާފިރުކަމުން) ޠާހިރުވެ އަދި އެމީހާގެ ވެރި ރަސްކަލާނގެ އިސްމުފުޅު ހަނދުމަކޮށް ނަމާދުކުޅަ މީހާ ކާމިޔާބު ވެއްޖެކަން ކަށަވަރެވެ."
ދަތުރުވެރިންނާއި ހަނގުރާމައިގެ މައިދާނުގައި ހަނގުރާމަކުރަމުންދާ މުޖާހިދުންނަށްވެސް ނަމާދު މަޢާފުވެގެން ނުވެއެވެ. (ދޫކޮށްލުން ނުވަތަ ފަސްކޮށްލުން ހުއްދަވެގެން ނުވެއެވެ.) އެހެންކަމުން މިއީ ކިހާ މުހިއްމު އަޅުކަމެއް ކަން އެނގިގެން އެބަދެއެވެ. ނަމާދަކީ ދީނުގައި މިފަދަ މުހިއްމުކަމެއްދެވިފައިވާ އަޅުކަމަކަށްވާއިރު، މިއަޅުކަން އަދާކުރުމުގައި ފަރުވާ ކުޑަކުރުމަކީ އެއްގޮތަކަށްވެސް ބުއްދިވެރި ކަމެއްނޫނެވެ.
ފަރުޟު ފަސްނަމާދު ޖަމާޢަތުގައި އަދާކޮށް އެނަމާދުތަކަށް ރައްކާތެރިވުމަށް މާތް ﷲ އަމުރު ކުރައްވާފައިވެއެވެ. ފަރުޟު ނަމާދު ޖަމާޢަތުގައިކުރުމަކީ މުސްލިމު ފިރިހެނުންގެ މައްޗަށް ވާޖިބުވެގެންވާ ކަމެއްކަމުގެ އެތައް ދަލީލުތަކެއް ކީރިތި ޤުރްއާނާއި މާތް ނަބިއްޔާ صلى الله عليه و سلمގެ ސުންނަތުގައި ބަޔާން ކުރައްވާފައިވެއެވެ.
މާތް ﷲ ރުއްސުންލެއްވި އިބްނު އުމްމު މަކްތޫމްގެ ކިބައިން ރިވާކުރެއްވި ޙަދީޘްފުޅެއްގައިވެއެވެ. "ތިމަން ސަލާމާއި ޞަލަވާތްލެއްވި ކީރިތި ރަސޫލާގެ އަރިހުގައި ދެންނެވީމެވެ . އޭ ﷲ ގެ ރަސޫލާއެވެ! އަހުރެންނީ ލޯ އަނދިރި މީހަކީމެވެ. އަހަރެންގެ ގެ މިސްކިތާ ކައިރިއެއް ނޫނެވެ. އަހަރެން ގޮވައިގެން އުޅޭ މީހާއަކީ އަހަރެން ކައިރީ އަބަދު ހުންނަ މީހެއް ނޫނެވެ.  ވީމާ އަހުރެން ގޭގައި ނަމާދުކުރުމުގެ ލުޔެއް އެބަ އޮތްތޯއެވެ.؟" ޙަދީޘް ކުރެއްވިއެވެ. "ބަންގީގެ އަޑު އިވޭހެއްޔެވެ؟" ތިމަން ދެންނެވީމެވެ. އާދޭހެވެ. ދެން ޙަދީޘްކުރެއްވިއެވެ. (އެހެންވީއިރު) "ގޭގައި ނަމާދު ކުރުމުގެ ލުޔެއް ކަލޭގެފާނަކަށް ލިބިގެން ނުވެއެވެ." ސަލާމާއި ޞަލާތްލެއްވި ކީރިތި ރަސޫލާ މިފަދަ ޙާލަތުގައިވާ މީހަކަށް ޖަމާޢަތް ދޫކޮށްލުމަށް ހުއްދަ ނުދެއްވިއިރު، އަހަރެމެންފަދަ ލޮލަށް ފެންނަ މީހުންގެ އޮތީ ކޮން ޢުޛުރެއްހެއްޔެވެ؟
ޖަމާޢަތުގައި ނަމާދު ކުރުމަކީ ނުހަނު ފައިދާހުރި ކަމެކެވެ. އެކަމުގެ ސަބަބުން މުސްލިމުން އެއްބަޔަކު އަނެއް ބަޔަކަށް ފެނިދެނިވެ ތަޢާރަފުވެ ޙާލު ބެލެއެވެ. އަދި އެއް ބަޔަކު އަނެއް ބަޔަކަށް ހެޔޮކަންތަކުގައި އެހީތެރި ވުމުގެ ފުރުޞަތު ލިބެއެވެ. އަދިތެދުމަގުގައި ސާބިތުވެ ތިބުމުގެ ހިތްވަރު ލިބެއެވެ. ނަމާދަށް މިސްކިތަށް ނާންނަ މީހުންނަށް ޖަމާޢަތަށް އައުމަށް އިތުރު ހިތްވަރަކަށް ވެއެވެ.
އަންހެނުން ނަމާދުކުރުން މޮޅު އިތުރުވެގެންވަނީ ގޭގައެވެ. ޙަދީޘް ބަސްފުޅެއްގެ މާނައިގައިވެއެވެ. "ތިޔަބައިމީހުންގެއަނބިން މިސްކިތްތަކުން މަނާ ނުކުރާހުށިކަމެވެ! އެކަނބަލުންގެ ގެ އެކަނބަލުންނަށް (ނަމާދު ކުރުމަށް) ހެޔޮކަން ބޮޑެވެ."

No comments:

Post a Comment