Saturday, April 16, 2016

ފެން

ފެން
ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް ދެއްވާފައިވާ ނިޢުމަތްތައް ޢަދަދުނުކުރެވޭހައި ވެސް ގިނައެވެ. މިނިޢުމަތްތަކަށް ޝުކުރުވެރިވުމަށާއި ކުފުރުވެރި ނުވުމަށް އެކަލާނގެ ވަނީ އަޅުގަނޑުމެންނަށް އަންގަވާފައެވެ. ނިޢުމަތްތަކަށް ޝުކުރުވެރިވުމަކީ، ތިމާޔަށް އެނިޢުމަތް ދެއްވީ ﷲކަމަށް އިޢުތިރާފުވާ ޙާލު، ހެޔޮގޮތުގައި ނިޢުމަތުގެ ބޭނުން ހިފުމެވެ. ނިޢުމަތަށް ކުފުރުވުމަކީ، އެނިޢުމަތަކީ ތިމާގެ ކުޅަދާނަކަމުން ލިބިފައިވާ އެއްޗެއްކަމުގައި ދެކެ، ކުޅަދުންވަންތަ އިލާހުމަތިން ހަނދާން ނައްތާލައި، ހިތުހުރި ގޮތަކަށް އެއިން ހޭދަކޮށް އިސްރާފުކޮށް އުޅުމެވެ.
ﷲ އަޅުގަނޑުމެންނަށް ދެއްވާފައިވާ ނިޢުމަތްތަކުގެ ތެރެއިން ފެނަކީ ވަރަށްވެސް ބޮޑު ނިޢުމަތެކެވެ. ﷲ ވަނީ އެންމެހައި ދިރޭތަކެތީގެ ދިރުން ފެނުގައި ލައްވާފައެވެ. އިންސާނުންނަށްޓަކައި އެކަލާނގެ އުޑުން ވާރޭ ވެއްސަވަތެވެ. އަދި ބިމުގެ އަޑީގައި މީރުފެން ލެއްވިއެވެ. މިއިން އެއްވެސް އެއްޗަކީ އަޅުގަނޑުމެންނަށް އޭގެމައްޗަށް ބާރުފޯރުވޭ އެއްޗެއްސެއް ނޫނެވެ.
ކަންމިހެން އޮތްއިރު، އެކިއެކި ބޭނުންތަކަށް އަޅުގަނޑުމެން ފެން ބޭނުންކުރާއިރު، އެއީ ﷲ ދެއްވާފައިވާ ނިޢުމަތެއްކަން ހިތަށް ގެނެސް ބޭކާރުގޮތުގައި ފެނުން އިސްރާފުނުކުރުގެ އާދަ އަޅުގަނޑުމެންގެ ކިބައިގާ އަށަގެންނެވުމަށް މަސައްކަތްކުރަމާތޯއެވެ. މިސްކިތްތަކުގައި ހުންނަ އިސްކުރުބަރިން ވުޟޫކުރުމުގައި ގިނަފަހަރަށް އަޅުގަނޑުމެންނަށް މާބޮޑު ފަރުވާލެއް ނުބެހެއްޓޭހެން ހީވެއެވެ. އެއީ، އޭގެ ބިލު ބޮޑުވުމަކުން އަޅުގަނޑުމެންގެ ޖީބަށް ކުރާނެ އަސަރެއް ނޯންނާނެތީކަމަށްވެސް ވެދާނެއެވެ. ދެމިދެމި އޮތް ކޯރެއްގެ އައްސޭރީގައި އިނދެ ވުޟޫކުރާމީހާއަށްވެސް ފެނުން އިސްރާފުނުކުރުމަށް ރަސޫލާ صلى الله عليه وسلم ވަނީ އިރުޝާދު ދެއްވާފައެވެ. 
އެހެންކަމުން ތިމާގެ އަމިއްލަގޭގައިވެސް އަދި ޢާއްމުތަންތާގައި ހުންނަ ފެން އިސްކުރުތަކުންވެސް އިސްރާފު ނުކުރުމަށް ސަމާލުކަން ދެމާތޯއެވެ. އެހެނީ އިސްރާފުކުރާމީހުންދެކެ ﷲ ލޯބިވެވޮޑިނުގަންނަވައެވެ.
ފެނަކީ ކޮންމެ ދިރޭއެއްޗެއް ދިރިހުރުމަށް އެންމެ މުހިއްމު އެއް މާއްދާ އެވެ. ކާނާ އާއި ނުލާ ދެތިން ހަފްތާ ވަންދެން މީހުންނަށް ދިރިތިބެވިދާނެއެވެ. ނަމަވެސް ފެނާއި ނުލާ ދެތިން ދުވަސްވަންދެން ވެސް ދިރިއެއް ނުތިބެވޭނެ އެވެ. ހަށިގަނޑުން ފެންމަދުވުމުން ދިޔާއެއްޗެތި ދޭންޖެހޭ އެންމެ ބޮޑު ސަބަބަކީ މިއީއެވެ. މިސާލަކަށް ބޭރަށްހިންގުން ފަދަ ބައްޔެއް ޖެހިއްޖެނަމަ ގިނަ އަދަދަކަށް ދިޔާއެއްޗެތި ދޭންޖެހެއެވެ. އެއީ ހަށިގަނޑުން ގެއްލިގެންދާ ފެން ވަގުތުން ހަމަކޮށްދިނުމަށްޓަކައެވެ.
ދުޅަހެޔޮ ޞިއްޙަތެއް ބޭނުންނަމަ ދުވާލަކު އަށްތަށި ފެން ބުއިމަށް އާދަކުރާށެވެ. ދުވާލަކު އަށްތަށި ފެން ބޯނަމަ ސަރުބީ ޖެހުން ދުރުވާކަމަށް ކަމާބެހޭ ތަޖުރިބާކާރުން ވިދާޅުވެ އެވެ. ގަބޫލުކުރަން ދަތިވިޔަސް ބަރުދަން ލުއިކުރުމާއި ބަރުދަން އެއް ވަރެއްގައި ހިފެހެއްޓުމަށް ފެނުގެ މުހިއްމުކަން ވަރަށް ބޮޑެވެ.
ފެން ބުއިމުން ބަނޑުހައިކަން އިހްސާސްކުރެވޭވަރު ކުޑަވާނެ އެވެ. އަދި ރައްކާކޮށްފައި ހުންނަ ސަރުބީތައް ހަށިގަނޑުގައި ދައުރުކޮށްލުމަށް އެހީތެރިވާނެއެވެ. ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި ފެން ބޯލެއް މަދުވާ ވަރަކަށް ސަރުބީ ޖަމާވާ ވަރު އިތުރުވާނެ އެވެ. އެހެންކަމުން ގިނައިން ފެން ބުއިމުން ސަރުބީގެ ޑިޕޮސިޓް މަދުވާނެ އެވެ.
އެހެންކަމުން އެކަށީގެންވާ މިންވަރެއްގެ ފެން އަބަދުވެސް ހަށިގަނޑުގައި ހުންނަން ޖެހެ އެވެ. މިކަންކުރެވޭނީ ގިނައިން ފެން ބޮއިގެންނެވެ. ހާއްސަކޮށް ލޮނު ގިނައިން ކާނަމަ ފެން ގިނައިން ބޯންޖެހޭނެއެވެ. ސަބަބަކީ ލޮނުތައް ހަށިގަނޑުގެ ތެރެއަށް ވިރިގެން ދިއުމަށް ފެން ބޭނުންވާތީ އެވެ. އެހެންކަމުން ހަށިގަނޑުގައި ގިނަވާ ލޮނުގެ ބައި ނައްތާލެވެނީ ވެސް ފެން ގިނައިން ބޮއިގެންނެވެ.

No comments:

Post a Comment