Saturday, April 16, 2016

ޒަކާތް



ޒަކާތް
ޒަކާތުގެ ލަފްޒީ މާނައަކީ ގިނަވުން، އިތުރުވުން، ބޮޑުވުން، ޠާހިރުވުން އަދި ބަރަކާތް ޙާޞިލުވުމެވެ. ޒަކާތް ބެހިގެންވާ 2 ބައެއް އޮވެއެވެ. އެއްބާވަތަކީ، ހަށިގަނޑުގެ ޒަކާތެވެ. އެއަށް ފިޠުރު ޒަކާތޭވެސް ކިޔައެވެ. އަނެއް ބާވަތަކީ މުދަލު ޒަކާތެވެ. މުދަލު ޒަކާތަކީ، ކަނޑައެޅިފައިވާ ވަކިބާވަތްތަކެއްގެ މުދާތަކެއް ވަކި މިންވަރަކަށް އިތުރުވެ، ކަނޑައެޅިފައިވާ މުއްދަތެއް ހަމަވުމުން ޚާއްޞަވެގެންވާ ބަޔަކަށް ދެވޭ ވާޖިބު ޙައްޤެކެވެ. ޒަކާތަކީ އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން ރުކުނަކަށް ވާއިރު ޒަކާތް ދިނުމަށް އިންކާރު ކޮށްފިނަމަ އެމީހާ ދީނުން ބޭރުވާނެއެވެ. ޒަކާތް ފަރުޟު ކުރެއްވުނީ ހިޖުރައިން 2 ވަނަ އަހަރުއެވެ.
އިބްނު އަޘީރު ވިދާޅުވާ ގޮތުގައި ޢަރަބިބަހުގައި ޒަކާތުގެ އަޞްލަކީ ޠާހިރުކަމާއި އިތުރުކަމާއި ހެދިބޮޑުވުމާއި ބަރަކާތާއި ތާރީފެވެ. ފަހެ، ޒަކާތަކީ މުދަލަށް ލިބޭ ޠާހިރުކަމެކެވެ. ފިޠުރު ޒަކާތަކީ ހަށިގަނޑަށް ލިބޭ ޠާހިރުކަމެކެވެ.
ޒަކާތް ދޭންޖެހޭ ބާވަތްތައް
1-    ގެރި، ބަކަރި، ޖަމަލު.
2-    ރަން، ރިހި.
3-    ގޮވާމާއި މޭވާ.
4-    ވިޔަފާރި މުދާ.
5-    މައުދަނާއި ރިކާޒު. (ވަޅުމުދާ)
މުދަލުޒަކާތް ވާޖިބުވުމުގެ ޝަރުޠުތައް
1-    މުސްލިމަކު ކަމުގައިވުން.
2-    މުދާ ފުރިހަމައަށް މިލްކުވެގެންވުން.
3-    މިނިވަނަކު ކަމުގައިވުން.
ގޮވާމާއި މޭވާއިން ޒަކާތް ވާޖިބުވުމުގެ ޝަރުޠުތައް
ގޮވާން:
1-    ގޮވާން ކޮށްގެން ހެއްދި ތަކެތިކަމުގައިވުން.
2-    އޮއްޓަރު ހަރުވުން.
3-    ރައްކާކޮށްފައި ބެހެއްޓޭ އެއްޗެއްކަމުގައިވުން.
4-    ނިޞާބު ހަމަވުން.
މޭވާ:
1-    މޭވާ ދޮންވެ ފައްކާވުން.
2-    ނިޞާބު ހަމަވުން.
ޒަކާތުގެ މަޤްޞަދު
·        ޒަކާތް ދޭ މީހާގެ ކިބައިން މުދަލަށް ދަހިވެތި ވުމުގެ ސިފަ ނެތިގޮސް ދީލަތި ވުމުގެ ސިފަ އަށަގަތުން.
·        އޭނާއާއި މުޖުތަމަޢުގެ އެހެން ފަރުދުންނާއި ދެމެދުގައި ގުޅުންތައް ބަދަހި ކުރުން.
·        މުޖުތަމަޢުގެ ފަގީރުންގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅު ކޮށްދީ ކޮންމެހެން ފުއްދަންޖެހޭ ބޭނުންތައް ފުއްދުމުގެ ތަނަވަސްކަން ލިބުމުގެ އިތުރުން ގިނަ ބަޔަކަށް މަސައްކަތް ލިބުން.
·        މުޖުތަމަޢުގެ މީހުންގެ މެދުގައި ތަފާތުތައް ކުޑަކުރުމުގައި އެހީއަކަށް ވުން.
·        ޙަސަދަވެރި ކަމާއި ނުރުހުންތެރި ވުމުގެ ބަލިތަކުން މީސްތަކުން ދުރުހެލި ވުމުގެ ބާރަކަށްވެ، އަދި އެކުވެރިކަމާއި އެއްބާރު ލުން އާލާވުން.
ޒަކާތުގެ ޙައްޤުވެރިން
ފަޤީރުން: ފަޤީރުންނަކީ މުދަލެއް އަދި ދިރިއުޅުމަށްޓަކައި ކުރާނެ މަސައްކަތެއް ނެތިފައި ތިބޭ ނިކަމެތިންނާއި ތިމާގެ މިލްކުގައި މުދަލެއް އަދި ކުރާނެ މަސައްކަތެއް ހުރުމާއެކުވެސް އެއިން ދިރިއުޅުމުގައި ކޮންމެހެން ބޭނުންވާ ކަންތައް ކުރުމުގައި ލިބޭ އެއްޗަކުން ދެކޮޅު ނުޖެހޭ މީހުންނެވެ.
މިސްކީނުން: މިސްކީނުންނޭ ކިޔަނީ ދިރިއުޅުމަށް ބޭނުންވާ މިންވަރުގެ ދެބައިކުޅަ އެއްބައި ނުވަތަ އެއަށްވުރެ ގިނައިން ލިބުމާ އެކުވެސް ލިބޭ އެއްޗަކުން ނުފުދޭ މީހުންނެވެ.
ޢާމިލުން: ޢާމިލުންނަކީ ޒަކާތް ބެހުމުގެ މަސައްކަތުގައި އުޅޭ މީހުންނެވެ.
އާއިސްލާމުން: އަލަށް އިސްލާމްވާ މީހުންނެވެ.
މުކާތަބު އަޅުން: މުކާތަބު އަޅުންނަކީ އޭނާގެ ސާހިބު މީހާއަށް ކަނޑައެޅިފައިވާ ވަކި ވަރަކަށް ފައިސާ ނުވަތަ ތަކެތި ދީ މިނިވަން ވުމަށް ކަނޑައަޅާފައިވާ އަގު އަދާކުރުމުން މިނިވަން ވުމަށް އެއްބަސްވެ މުޢާހަދާ ކޮށްފައި ތިބޭ މީހުންނެވެ.
ދަރަނި ވެރިން: ދަރަނި ވެރިންގެ ތެރެއިން ޒަކާތުގެ ފައިސާ ޙައްޤުވަނީ ތިމާގެ އަމިއްލަ ނަފްސާއި ތިމާ ބަލަދު އަރާ މައިން ބަފައިންނާއި އަނބިދަރިންނަށް ކާންބޯން ދިނުމާއި ފޭރާން ހޯދައިދިނުންފަދަ ކޮންމެހެން ކުރަންޖެހޭ ޚަރަދުތައް ކުރުމުގައި ނުކުޅެދުމުގެ ސަބަބުން ދަރަނިވެރި ވެފައިވާ މީހުންނާއި، އެހެން މީހެއްގެ ދަރަންޏަކަށް ޖާމިނު ވުމުގެ ސަބަބުން ދަރަނިވެރިވި މީހުންނާއި، އަދި އުފެދިފައިވާ ފިތުނައެއް ނައްތާލުމަށް ޞައްޙަ މަގުން ކުރި ޚަރަދެއްގެ ސަބަބުން ދަރަނިވެރި ވެފައިވާ މީހުންނެވެ.
ދަތުރު ވެރިން: ޙާލުގައި ޖެހިފައިވާ ދަތުރުވެރިންނެވެ.
ﷲގެ މަގުގައި ޖިހާދުކުރާ މީހުން: މީގެތެރޭގައި ކަނޑިއާއި ބަޑިން ނުވަތަ އެފަދަ ވަޞީލަތަކުން ޙައްޤު ގޮތުގައި، ކާފިރުންނާއި ހަނގުރާމަ ކުރާ މީހުންނަށާއި، ދުލާއި، ކަނޑިން ﷲގެ މަގުގައި ޖިހާދު ކުރާ މީހުންނަށް ހޭދަކުރުން ހިމެނިގެން ވެއެވެ.
                                                      މަޢުލޫމާތު ނެގީ: ފަސޭހަ ފިޤްހު 2

No comments:

Post a Comment