މިއީ "ވިސްނުން ތަރައްޤީ ކުރުމާއި ، މައްސަލަ ޙައްލު ކުރުމަށް
އޮތް އެންމެ ފަސޭހަ ގޮތަކީ ކޮބާ؟" މި މައުޟޫޢަށް 2013 ވަނަ
އަހަރު އަޅުގަނޑު ހަދާފައިވާ އެސައިންމެންޓެއްގެ ބައެކެވެ.
ދަސްކުރާނީ ކިހިނެއް؟
ކަމެއް ނުވަތަ އެއްޗެއް ދަސްކުރާއިރު ރަނގަޅު ގޮތްތަކެއް ގެންގުޅެވޭނަމަ
ދަސްކުރަން އެހާ ގިނަވަގުތު ހޭދަކުރާކަށް ނުޖެހޭނެއެވެ. ތަފާތު ބާވަތުގެ އެއްޗިހި
ތަފާތު ގޮތްގޮތަށް ދަސްކޮށް އުޅެއެވެ. ލަޠީފާ ޤާސިމް (2003) ވިދާޅުވެފައިވަނީ "އެއްޗެއް
ދަސްކޮށް ނުވަތަ ކިޔައި ނިންމާލުމަށްފަހު އެ އެއްޗެއް ހަނދާނުން ފިލައިގެން
ދިޔަނުދީ، ސިކުނޑީގައި ހަރުލެއްވުމަށްޓަކައި، ހަމައެކަނި ހިތުދަސް ކުރުމުގެ
ބަދަލުގައި ވިސްނުންތެރިކަމާއެކު ކިޔައި ދަސްކުރާށެވެ." ތިރީގައި އެވާ
ގޮތްތައް އެކަށޭނަ ގޮތަކަށް ބޭނުން ކުރެވިއްޖެ ނަމަ އެއްޗެއް ދަސްކުރަން އެހާ ގިނަ
ވަގުތު ހޭދަކުރާކަށް ނުޖެހޭނެއެވެ.
§
ދަސްކުރާ އެއްޗަކާއި މެދު ސަމާލުވުން ނުވަތަ
ފަރުވާތެރިކަން ބަހައްޓަންވާނެއެވެ. ހަމައެކަނި ތަކުރާރުކޮށް އެއްޗެއް
ވިސްނުމަކާއި ނުލައި ކިއުމަކުން ނުފުދެއެވެ. ފިލާވަޅެއް ކިޔާއިރު، އޭގައި
ސަމާލުކަން ދޭންޖެހޭ ނުކުތާތަކަށް ވިސްނަން ޖެހެއެވެ. މިސާލަކަށް: ބަސް
ދަސްކުރުމުގެ ކުލާހެއްގައިނަމަ، ޖުމްލަތަކުގެ ތަރުތީބަށާއި، އެތުރިފައިވާ ގޮތަށް
ސަމާލުކަން ދޭންޖެހޭނެއެވެ.
§
ހުރިހާ އެއްޗެއް އެއްފަހަރާ ދަސްކުރުމުގެ ބަދަލުގައި ދުވަސްތަކަކަށް
އަދި ވަކި ގަޑިތަކަކަށް ބަހާލައިގެން ދަސްކުރާނަމަ މާރަނގަޅަށް ދަސްކުރެވޭނެއެވެ.
މެދުކެނޑުމެއް ނެތި، ދަސްކުރުމުގައި ގިނަވަގުތުތަކެއް ހޭދަކުރުމުން ވަރުބަލިކަމާއި
ފޫހިވުން އުފެދޭނެއެވެ.
§
ޢާއްމުގޮތެއްގައި، ގުޅިފައިވާ ތަކެތި ދަސްކުރާނަމަ، މުޅި
އެތި އެކީގައި ދަސްކުރުން، ވަކިވަކިން ދަސްކުރުމަށްވުރެ ރަނގަޅެވެ. މިސާލަކަށް:
ޅެމެއް ދަސްކުރާނަމަ މުޅި ޅެން ފެށިގެން ނިމެންދެން ދަސްވަންދެން ތަކުރާރުކޮށް
ކިއުމެވެ. ޅެމެއް ހިތުދަސްކުރަން ޖެހިއްޖެނަމަ މުޅި ޅެން އެކީގައި ދަސްކުރަން
އުޅުމުން، އެއްބައިގެ ބާރުން އަނެއްބައި ހަނދާން ކުރެވިދާނެއެވެ. ދަސްކުރަން ޖެހޭ
އެއްޗަކީ އުނދަގޫ އެއްޗެއްކަމުގައި ވާނަމަ އެއްކޮށް ދަސްކުރާ ގޮތަށްވުރެ ބައިބައި
ކޮށްގެން ދަސްކުރާ ގޮތް މާރަނގަޅެވެ. (ޙައްވާ ޒާހިރާ އ.އ.ފ، 1997 ޞ. 90)
ސިކުނޑީގައި މަޢުލޫމާތު ރައްކާ ކުރާނީ
ކިހިނެއް؟
ފިލާވަޅު
ރަނގަޅަށް ދަސްކޮށް މުރާޖަޢާކޮށް، އިމްތިޙާނަށް ފުރިހަމައަށް ތައްޔާރުވުމަށް ފަހު
ވެސް ޖެހިގެން އަންނަ ދުވަހުގެ ހެނދުނު ނިދިން ހޭލާއިރު ދަސްކުރި ހުރިހާ އެއްޗެއް
ހަނދާން ނެތޭގޮތް ވެއެވެ. އިމްތިޙާން ކަރުދާސް އަތަށް ލިބުމުން ދަސްކުރި އެއްޗެތި
ހަނދާން ނުވާގޮތް ވެއެވެ. ވީމާ، އުނގެނޭ ތަކެތި ހަނދާނުގައި ހަރުލެއްވުމަށްޓަކައި
އެކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހެއެވެ. ސިކުނޑީގައި (ލޯންގްޓާރމް
މެމޮރީގައި) މަޢުލޫމާތު ބެހެއްޓުމަށްޓަކައި މުހިންމު ތިންކަމެއް ފާހަގަ
ކޮށްލެވެއެވެ.
v އެންކޯޑިންގ: އެންކޯޑު ކުރުމަކީ ލޯންގް ޓާރމް
މެމޮރީގައި ރަނގަޅަށް ރައްކާތެރިކަމާއެކު އޮޅުވާނުލާ ޑިކްލަރޭޓިވް މަޢުލޫމާތު
ތަފާތު ކަންކަމާއި ގުޅުވާލައިގެން ރައްކާ ކުރާ ކުރުމެވެ. މިސާލަކަށް: ފިލާވަޅު
ނިމުމަށްފަހު އަމިއްލަ ނަފްސާއި ސުވާލުތަކެއް ކުރެވިދާނެއެވެ. 1- ފިލާވަޅުގައިވާ
އެންމެ މުހިންމު ޕޮއިންޓަކީ ކޮބާ؟ 2- ރުޅިވެރިކަން ނުވަތަ ނުތަނަވަސްކަން
ގެނުވާފަދަ އެއްވެސް ޚިޔާލެއް ފިލާވަޅުގައި ވޭތަ؟ 3- ހިނި އަންނަ ކަހަލަ އެއްވެސް
ވާހަކައެއް ނުވަތަ މަޢުލޫމާތެއް މީގައި ވޭތަ؟ މިފަދަ ގޮތަކަށް ރައްކާ
ކުރެވިއްޖެނަމަ މަޢުލޫމާތު ހަނދާނަށް ގެނައުމަށް ފަސޭހަވެ އޮޅުންބޮޅުން އެރުން
ކުޑަވާނެއެވެ.
v ކޮމްޕައިލޭޝަން: މީގެ މާނައަކީ
ވާރކިންގ މެމޮރީގައި ޑިކްލަރޭޓިވް މަޢުލޫމާތު ބޭނުންކުރުމަށްޓަކައި ލޯންގް ޓާރމް
ޕްރޮސީޖަރަލް މެމޮރީގައި އެ މަޢުލޫމާތު ބޭނުންކުރާ ގޮތް ފައިލުކޮށް
ރައްކާކުރުމެވެ. މިސާލަކަށް: ސިކުނޑީގައި މަޢުލޫމާތުތައް ރައްކާކުރުމުގައި، އެ
މަޢުލޫމާތެއް ލިބުނީ ކޮން ގޮތަކުންކަން އެނގޭ ވަކި މަޞްދަރެއް ނުވަތަ އަޞްލަކަށް
ތަބަޢަވާށެވެ. އެއީ: ޓީޗަރެއްގެ ކިބައިންތޯ؟ މަޢުލޫމާތު ދިނުމުގެ
ބައްދަލުވުމަކުންތޯ؟ ނުވަތަ ފޮތަކުންތޯ؟ މިފަދަ ގޮތަކަށެވެ. އަދި ކޮންމެ
މަޢުލޫމާތެއްވެސް ވަކި މައުޟޫޢެއްގެ ދަށުން ރައްކާކުރާށެވެ. މިސާލަކަށް:
"ސިކުނޑީގެ މަސައްކަތް" މި މައުޟޫޢުގެ ދަށުން މިކަމާއި ގުޅޭ
މަޢުލޫމާތުތައް ރައްކާކުރެވިދާނެއެވެ. ރަނގަޅު އިންތިޒާމަކުން އަތުރާލެވިފައިވާ
ފައިލިން ކެބިނެޓެއްގެ ފައިލްތަކުން އެފަހަރަކު ހޯދަން ބޭނުންވާ އެއްޗެއް
ފަސޭހައިން އަވަހަށް ހޯދޭކަން ހަނދާންކުރަން ޖެހެއެވެ.
v ރިޓްރީވަލް: މީގެ މާނައަކީ ލޯންގް ޓާރމް
މެމޮރީގައި ހުންނަ މަޢުލޫމާތުތައް އަބަދުވެސް ތާޒާކޮށް ހަނދާން ކުރެވޭނެ ތަފާތު
ކަންކަން ކުރުމެވެ. ވާރކިންގ މެމޮރީއަށް ގިނަގިނައިން ގެންގޮސް ފަރިތަކޮށް
ތާޒާކުރުމުން ކަމެއް ކުރަން ބޭނުންވާ ވަގުތުގައި މަޢުލޫމާތުތައް ފަސޭހައިން
ހަނދާނަށް އައިސް އޮޅުން ބޮޅުން ވުން ކުޑަވެއެވެ. ގިނައިން ތަކުރާރު ކުރުމުން
ސިކުނޑީގައި މަޢުލޫމާތު ރައްކާކުރަން ފަސޭހަވާނެއެވެ.
ސިކުނޑީގައި ރައްކާ ކުރި މަޢުލޫމާތު
ހަނދާނަށް ގެންނާނީ ކިހިނެއް؟
ޢާއްމު ގޮތެއްގައި ހަނދާން ކުރުމުގެ މާނައަކީ (ކުރީގައި)
ދަސްކޮށްފައިވާ ތަކެތި ސިކުނޑީގައި ހަރުލައްވައި ބޭނުންޖެހޭ ވަގުތުގައި އަނބުރާ
ގެނައުމެވެ. ހަނދާން ކުރުމަކީ ބުއްދީގެ މަސައްކަތް ތަކުގެ ތެރޭގައި ހިމެނޭ
މުހިއްމު އެއް މަސައްކަތެވެ. ބައެއް މީހުން
ވަރަށް ޒަމާންވީ މަޢުލޫމާތުތައް ވެސް އޭގެ ބޭނުން ޖެހޭ ހިނދު ސިކުނޑިން ނެރެ
ބޭނުންކުރާތީ ފެނެއެވެ. މިއީ ސިކުނޑީގެ ހުނަރެކެވެ. ކޮންމެ މީހަކަށްވެސް މި ހުނަރު
ތަރައްޤީ ކުރެވިދާނެއެވެ. އެހެން ގޮތަކަށް ބުނާނަމަ ހަނދާން ގަދަ ކުރެވިދާނެއެވެ.
ވަރަށް ގިނަ އަދަދެއްގެ މަޢުލޫމާތު ހަނދާން ބެހެއްޓުމަކީ ބައެއް މީހުންނަށް ވަރަށް
ފަސޭހަ ކަމެކެވެ. ސިކުނޑީގައި (ލޯންގްޓާރމް މެމޮރީގައި) ރައްކާކުރި މަޢުލޫމާތު
ހަނދާން ކުރުމަށް ފަސޭހަ ކުރުމަށްޓަކައި ތިން ކަމެއް ކުރެވިދާނެއެވެ.
o މީނިންފުލް އެންކޯޑިންގ: ލޯންގް ޓާރމް މެމޮރީގައި މާނަހުރި ގޮތަކަށް ކިޔަވާ ބައިތައް ގުޅުވާލާށެވެ.
މީގެ މައިގަނޑު މަޤްޞަދަކީ، ކިޔަވާ ބައިތައް މާނައެއް ހުރި އެއްޗަކަށް ހެދުމެވެ.
މިގޮތުން ގުޅުވާއިރު ތަފާތު ކަންކަމާއި ތަންތަނާއި ބަސްބަހާއި ވެސް
ގުޅުވާލެވިދާނެއެވެ. މިސާލަކަށް: ނަމްބަރުތަކެއް ހަނދާން ކުރުމަށް އޭގައިވާ
ނަމްބަރުތަކަށް މާނައެއް ދެވިދާނެއެވެ. (3192) ތިނެއް އެކެއް ނުވައެއް ދޭއް.
މިގޮތަށް ކިއުމުގެ ބަދަލުގައި އެއީ އެއްތިރީސް އަހަރާއި ނުވަދިހަ ދެދުވަސް
މިގޮތަށް ކިއުމުން އޭގައި ވާ ނަމްބަރު ހަނދާން ކުރަން ފަސޭހަވާނެއެވެ.
o އިލެބަރޭޝަން: މިއީ
އެނގެމުންދާ މަޢުލޫމާތުތަކަށް ދަރިވަރުގެ އަމިއްލަ މާނަތައް ހިމަނާލާ މިސާލުތައް
ގުޅުވާލާ ކުރިން އެނގިފައިވާ ބައިތައް ހިމަނައިގެން ވިސްނުމެވެ. މިސާލަކަށް:
ލެކްޗަރ އެއް އަޑު އެހުމަށްފަހު އެ ކިޔައިދިން ބައިތަކާއިމެދު އިތުރަށް ވިސްނާ
އަމިއްލަ މިސާލުތައް ހިމަނައި ހެދުމެވެ. އަދި ކިޔަވައިދޭ ތަފާތު މަޢުލޫމާތުތައް
އެއްބައި އަނެއްބަޔާއި ތަފާތުވާ ގޮތްތަކާއި އެއްގޮތްވާ ގޮތްތައް ފާހަގަކުރާށެވެ.
ހަމައެގޮތަށް އުނގެނޭ ބައިތަކުގައި ހުންނަ މުހިންމު ނުކުތާތައް ހަނދާން ކުރުމަށް
ތަފާތު ކަންކަމާއި ގުޅުވާ ނަން ހަދާށެވެ. މިގޮތަށް ގުޅުވާއިރު އެ މަޢުލޫމާތުގެ
ނެތް ކަހަލަ އާދަޔާ ޚިލާފު ނަންތަކެއް ނުވަތަ ކަންތައްތަކެއް ހިމަނައިގެން
ގުޅުވިދާނެއެވެ. މިސާލަކަށް: (އަށްތިނޯސް)
o އެކްޓިވިޓީ: އުނގެނޭ
ބައިތަކުގައި ދަރިވަރުގެ މަސައްކަތް ވީވަރަކުން ގިނަކުރާށެވެ. މާނައަކީ ދަރިވަރުން
އަމިއްލައަށް ކަންތައްތައް ކުރުމަށް މުދައްރިސުން ދޭ ފުރުޞަތު ތަކުގެ
ބޭނުންހިފާށެވެ. މިސާލަކަށް: މުދައްރިސް ފިލާވަޅު އޮޅުން ފިލުވައިދޭ ގަޑީގައި
ގިނަގިނައިން ސުވާލު ކުރާށެވެ.
މިގޮތްތައް ބޭނުންކުރުމުން ދަރިވަރަށް ދަސްކުރަން
މިހާރަށްވުރެ ފަސޭހަވެ، ސިކުނޑީގައި މަޢުލޫމާތު ރައްކާ ކުރެވި ބޭނުންވުމުން
ހަނދާނަށް ގެންނަން މިހާރަށްވުރެ ފަސޭހަވާނެއެވެ.
good
ReplyDeletev.good
ReplyDelete