ޣައިބަށް އީމާންވުން
ޣައިބަކީ އަޅުގަޑުމެންގެ ލޮލަށް ނުފެންނަ ކަންތަކެވެ.
ޣައިބުގެ ޢިލްމަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ އަށް ޚާއްޞަ ވެގެންވާ ޢިލްމެކެވެ. ކީރިތި
ގުރްއާނުގެ އައްނަމްލު ސޫރަތުގެ 65 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (قُلْ لَا يَعْلَمُ مَنْ فِي السَّمَاوَاتِ وَالْأَرْضِ الْغَيْبَ إِلَّا اللَّهُ وَمَا يَشْعُرُونَ أَيَّانَ يُبْعَثُونَ) މާނައަކީ:
"ކަލޭގެފާނު ވިދާޅުވާށެވެ. ﷲ ފިޔަވައި އުޑުތަކާއި ބިމުގައިވާ އެކަކަށްވެސް،
ޣައިބުގައިވާ އެއްވެސްކަމެއް ނުއެނގެއެވެ. އަދި މަރުވުމަށްފަހު ފުރާނަ
އަޅުއްވައިހުށީ ކޮންއިރަކުންކަމެއް، އެމީހުންކުރެ އެކަކަށްވެސް
ނުމެއެނގޭމެއެވެ".
އެހެންކަމުން ޣައިބުގައިވާ ކަންތަކަކީ ނުވަތަ ލޮލަށް
ފެންނަން ނެތް ކަންތަކަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ އަށް ޚާއްޞަވެގެންވާ ޢިލްމެކެވެ.
ޣައިބު ދެބަޔަކަށް ބެހިގެންވެއެވެ. އެއީ:
1. އަލްޣައިބުލް މުޠްލަގް: ނުވަތަ، ﷲ
ފިޔަވައި އުޑުތަކާއި ބިމުގައިވާ އެއްވެސް ފަރާތަކަށް އެކަމުގެ ޢިލްމު ލިބިގެން
ނުވާ ކަންތަކެވެ.
2. ޣައިބު ނިސްބީ: މާނައަކީ ބައެއް
މީހުންނަށް އެނގި އަނެއްބައި މީހުންނަށް ނޭގުމެވެ. މިގޮތުން ނޭގޭބައެއްގެ
ޙައްގުގައި އެކަމެއްވާނީ ޣައިބުގައިވާ ކަމަކަށެވެ.
މުސްތަގްބަލުގައި ވާނޭ ކަންތަކުގެ ގޮތުގައި ބައެއް
ކަހީނުން ބުނެދޭ ވާހަކަ ތަކަކީ ޣައިބުގެ ތެރޭގައި ހިމެނޭ ކަންތަކެއް ނޫނެވެ.
ޙަގީގަތުގައި އެމީހުން މަދުފަހަރެއްގައި ތެދެއް ހެދިނަމަވެސް ގިނަފަހަރަށް ހަދަނީ
ދޮގެވެ. ކަހީނުން ޚަބަރު ހޯދަނީ ޖިންނިންގެ ފަރާތުންނެވެ. ޖިންނިން ޚަބަރުތައް ދޭ
އިރުގައި އެތައް ސަތޭކަ ދޮގުތަކެއް ހަދައެވެ. ޖިންނިންނަށް ޚަބަރު ލިބެނީ
މަލާއިކަތް ބޭކަލުން ދައްކަވާ ވާހަކަތައް އަޑުއަހައިގެންނެވެ. އެހެންނަމަވެސް
މަލާއިކަތުންނަށް އެކަމެއްގެ ޙަގީގަތް އެގެނީ ވެސް މާތް ﷲ އެބޭކަލުންނަށް އެކަމެއް
އެންގެވުމަށްފަހުގައެވެ. އޭގެ ކުރިއަކުން ނޭގެއެވެ. އެހެންކަމުން، އެއީ ޣައިބަކަށް
ނުވެއެވެ. (ރާއްޖެ އިސްލާމް ޑޮޓްކޮމް)
ޣައިބަށް އީމާންވުމަކީ ޣައިބުގައި ހިމެނޭ
ކަންތައްތަކުގެގޮތުގައި އިސްލާމްދީން އަންގަވާފައިވާ ކަންތައްތައް މިސާލަކަށް: ﷲ
ވޮޑިގެންވުން، މަލާއިކަތުން، ސުވަރުގެއާއި ނަރަކަ އަދިވެސް މިފަދަ ކަންތައްތައް
އަހަރެމެންގެ ލޮލަށް ނުފެނުނުކަމުގައިވިޔަސް މިއީ ތެދުޙަޤީޤަތްކަން ހިތުގައި
ޝައްކުކަމެއް ނެތި ގަބޫލުކުރުމެވެ. ޣައިބަށް އީމާންވުމަކީ ވަރަށް
މުހިންމުކަމެކެވެ. ސަބަބަކީ ޣައިބަށް އީމާންނުވެ މީހާގެ އިމާންކަން ފުރިހަމައެއް
ނުވާނެއެވެ. އަޅުގަނޑުމެން އީމާންވާން ޖެހެނީ ހަމައެކަނި ފެންނަ ކަންތައްތަކަށް
އެކަންޏެއްނޫނެވެ. އަޅުގަނޑުމެންގެ ލޮލަށް ނުފެންނަ އެތައް ކަމެއްގެ ވާހަކަ ކީރިތި
ޤުރުއާނުގައި ބަޔާންކުރައްވާފައި ވެއެވެ.
ޣައިބަށް އީމާންވުމަކީ ބުއްދީގެގޮތުން ބެލިޔަސް
ގަބޫލުކުރެވޭ ކަމެކެވެ. އަދި މިޒަމާނުގެ ޢިލްމީ ހޯދުންތައް ވަނީ މިކަން
ސާބިތުކޮށްދީފައެވެ. ބައެއްކަހަލަ ތަކެތި އިންސާނާއަށް ނުފެންނަނީ އިންސާނާގެ
ފެނުމުގެ ބާރު ދެރަކަމުންނެވެ. މިސާލަކަށް: ކުދި ފަނިފަކުސައާއި ޖަރާސީމުތައް
ހަމަލޮލަށް ނުފެނުނު ކަމުގައިވިޔަސް ބައެއްކަހަލަ ވަސީލަތްތަކުގެ އެހީގައި
ދެނެގަނެވެއެވެ. ހަމައެހެންމެ ކަރަންޓު، ގްރެވިޓީ ފޯސް، ރޭޑިޔޯ ވޭވްސް އަދި
ދަގައްފާނު ބާރު ފަދަތަކެއްޗަކީ އޭގައި ފޮރުވިފައިވާ ބާރު ނުފެނުނު ކަމުގައިވިއަސް
އޭގެ އަސަރުތައް އެބާރު ވާކަމަށް ހެކިދޭ ތަކެއްޗެވެ. ހަމަ އެހެންމެ މި
ކާއިނާތުގައިވާ ޤުދުރަތްތެރިކަމުގެ މިސާލުތަކުން އެތަކެތި ހިންގަވާ ފަރާތެއް
ފޮރުވިފައި ވާނޭކަން ބުއްދިއަށް ގަބޫލުކުރެވެއެވެ.
ޣައިބަށް އީމާންވުމުގެ ސަބަބުން އެތައް ފައިދާތަކެއް
އަޅުގަނޑުމެންނަށް ލިބެއެވެ. އެގޮތުން އާޚިރަތް ދުވަހަކީ ޣައިބުގައިވާ ދުވަހަކަށް
ވެފައި ޤިޔާމަތްވާނެ ވަގުތެއް ނޭނގޭތީ އަޅުގަނޑުމެން އަބަދުވެސް ތިބެންޖެހެނީ
އެދުވަހަށް ތައްޔާރުވެގެންނެވެ. މަރުވާނެދުވަސް ނޭނގި އޮތުމުގެ ސަބަބުން
މާދަމާވެސް މަރުވެދާނެކަމަށް ބަލައި ހެޔޮޢަމަލުތައް ކުރުމުގައި ދެމިތިބެވެއެވެ. ﷲ
ވޮޑިގެންނާކަން ގަބޫލުކުރާތީ އަޅުގަނޑުމެން ކުރާ ކަންތައްތައް އެކަލާނގެ
ބައްލަވާވޮޑިގެންވާކަންވެސް ގަބޫލުކުރެވެއެވެ. އެހެންކަމުން ސިއްރުންވެސް ގޯސް
ޢަމަލުތައް ނުކޮށްވޭތޯ މަސައްކަތް ކުރެވެއެވެ. ނަރަކައަކީ ނުބައިކޮށް އުޅުނު
މީހުންނަށް ޢަޒާބު ދެއްވުމުގެގޮތުން ތައްޔާރު ކުރައްވާފައިވާ ތަނަކަށްވާތީ
މީހުންގެ ޙައްޤުތަކަށް ރައްކާތެރިވެވެއެވެ.
ޣައިބަށް އީމާންވާ މީހާއާއި އީމާންނުވާ މީހާ
ހަމަހަމަވެގެން ނުވެއެވެ. ޣައިބަށް އީމާންވާ މީހާ ﷲއަށް ބިރުވެތިވާނެއެވެ.
ނަމަވެސް ޣައިބަށް އީމާން ނުވާ މީހާ ﷲއަށް ބިރުވެއްޗެއް ނުވާނެއެވެ. ޣައިބަށް
އީމާންވާ މީހާ މުޞީބާތަށް ކެތްތެރިވާނެއެވެ. ނަމަވެސް ޣައިބަށް އީމާންނުވާ މީހާ
މުޞީބާތަށް ކެތްތެރި ނުވެ އަމިއްލަ ހަށިގަނޑަށް ގެއްލުން ދޭނެއެވެ. ޣައިބަށް
އީމާންވާ މީހާ ހެޔޮޢަމަލު ކުރުމާއެކު ﷲގެ ރަޙުމަތަށް އުއްމީދު ކުރާނެއެވެ.
ނަމަވެސް ޣައިބަށް އީމާންނުވާ މީހާ ހެޔޮޢަމަލު ނުކޮށް ހެޔޮގޮތް ވުމަށް އުއްމީދު
ކުރާނެއެވެ.
No comments:
Post a Comment