ކިޔަވައިދިނުމުގައި މަލްޓިމީޑިޔާގެ ދައުރު
މަލްޓިމީޑިޔާ ޓެކްނޮލޮޖީއަކީ އޭގެ ސަބަބުން
ކުދިންގެ ކުރިއެރުމަށާއި ކުދިންގެ ޝައުޤުވެރިކަމަށް ބޮޑެތި ބަދަލުތަކެއް ގެނުވާ
އެއްޗެކެވެ. ލެސް ފޮލްޓޮސް (2002) ހާމަކުރައްވާ ގޮތުގައި ފާއިތުވެ ދިޔަ 15
އަހަރުގެ ތެރޭގައި ކުލާސްރޫމް ތަކުގައި ޓެކްނޮލޮޖީ ބޭނުންކުރާ މިންވަރު
އިތުރުކުރުމަށް އެމެރިކާގައި ބޮޑެތި ޚަރަދުތަކެއް ކޮށްފައިވެއެވެ. އެގޮތުން އަހަރަކު
5 ބިލިއަން ޑޮލަރު ޚަރަދުކޮށްފައި ވެއެވެ. ސަބަބަކީ ޓެކްނޮލޮޖީ ބޭނުންކުރުމުން
ޓީޗަރުންނާއި ދަރިވަރުންނަށް ކުރިއެރުން ލިބޭކަން ވިޔަފާރިވެރިންނާއި، ތަޢުލީމީ
ދާއިރާގެ ފަންނުވެރިންނާއި ސަރުކާރުން ގަބޫލުކުރުމެވެ.
މަލްޓިމީޑިޔާގެ ސަބަބުން
އެއްހިއްސަށްވުރެ ގިނަހިއްސު އެއްވަގުތެއްގައި މަސައްކަތް ކުރެއެވެ.
ކިޔަވައިދިނުމުގައި މިވަސީލަތް ބޭނުންކުރުމުގެ ސަބަބުން ދަރިވަރުން ކިޔެވުމަށް ދޭ
ސަމާލުކަން އިތުރުވެ ޝައުޤުވެރިކަން ދެމެހެއްޓުމަށް ބާރަކަށްވެއެވެ. ފިލާވަޅު
ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމުގައި މިވަސީލަތް ވަރަށްބޮޑު ދައުރެއް
އަދާކުރެއެވެ. މިފަދަ ވަސީލަތެއް ބޭނުންކުރުމުން ވަގުތު ސަލާމަތް ކުރުމަށް
ވަރަށްބޮޑު އެހީއަކަށް ވެއެވެ. މީގެ ސަބަބުން ހަގީގީ ހާދިސާއާއި ކަންކަން
ކުދިންނާއި ހިއްސާ ކުރެވޭނެއެވެ. އަދި ހަގީގީ ދިރިއުޅުން ކުދިންނަށް
ދައްކައިދެވެއެވެ. މަލްޓިމީޑިޔާއަކީ
ހުރިހާ ކުދިންނަށް ހަމަހަމަ ފުރުޞަތު ހޯދައިދީ، އެކި ފެންވަރުގެ ކުދިންނަށާއި،
ޚާއްޞަ އެހީތެރިކަމަށް ބޭނުންވާދަރިވަރުންނަށް އެހީތެރިވާ ވަސީލަތެކެވެ. ލިންޑާ އޭ
ސެންޓިސް (1991) ހާމަކުރައްވާ ގޮތުގައި ޒަމާނީ ވަސީލަތްތައް ބޭނުންކުރަމުންދާ
މިދުނިޔޭގައި، ކުރިން ކިޔަވައިދެމުން އަންނަ ގޮތްތައް ބޭނުންކޮށްގެން ކުދިންގެ
ޝައުޤުވެރިކަން ދަމައިގަތުން އޮންނަނީ ވަރަށް އުނދަގޫ ކަމަކަށްވެފައެވެ. ނަމަވެސް
ތަޢުލީމީ މާހިރުން ގަބޫލުކުރާ ގޮތުގައި މަލްޓިމީޑިޔާ ޓެކްނޮލޮޖީ ބޭނުންކޮށްގެން
އެފަދަ ކުދިންގެ ޝައުޤުވެރިކަން ދަމައިގެނެވެއެވެ. މަލްޓިމީޑިޔާގެ ސަބަބުން ކުދިން
ފިލާވަޅުގައި ބައިވެރިވުން އިތުރުވެ ކުދިންގެ ހުނަރު ތަރައްޤީ ކުރުމަށް
އެހީތެރިވެދެއެވެ. މިފަދަ ވަސީލަތެއް ބޭނުންކުރުމުގެ އެންމެ މުހިންމު އެއްބޭނުމަކީ
ޓެކްނޮލޮޖީއާމެދު ދަރިވަރުންގެ ސަމާލުކަން އިތުރަށް ހޯދުމެވެ.
މަލްޓިމީޑިޔާގެ އެހީގައި ދަސްކުރުމަކީ މިއަދު ދުނިޔެއަށް ތަޢާރަފުވަމުންދާ ފެޝަނެކެވެ. އެކަމަށް
ބާރުދެއްވަމުން ބިލްގޭޓްސް (1997) ވިދާޅުވެފައިވަނީ ކޮމްޕިއުޓަރުގެ އެހީގައި
ދަސްކުރުން ފެޝަނަކަށްވީ އިންފޮމޭޝަން ޓެކްނޮލޮޖީގެ އަސަރު މުޖުތަމަޢަށާއި
ތަޢުލީމީ ދާއިރާއަށް ފޯރުމުންނެވެ. ބިލްގޭޓްސްގެ ނަޒަރުގައި ކިޔަވައިދިނުމުގައި
އިންފޮމޭޝަން ޓެކްނޮލޮޖީ ބޭނުން ކުރުމުގެ ސަބަބުން ދަރިވަރުން ކުރަމުންދާ
މަސައްކަތުގެ ނަތީޖާތައް އެއްވެސް ބިރެއްނެތި ދަރިވަރުންނަށް ބަލައިލެވެއެވެ.
އެކަމުގެ ސަބަބުން ދަރިވަރުންނަށް ކުރިމަތިވާ ޕްރެޝަރ ކުޑަވެގެންދާކަމަށް
ބިލްގޭޓްސް ހާމަކުރައްވައެވެ. ނަތީޖާއަކަށްވަނީ ދަރިވަރުންގެ ހާސްކަން ކުޑަވެ،
ކިޔެވުމަށް ފަސޭހަވުމެވެ. އަދި އެކަމުގެ ސަބަބުން ކިޔެވުމަށް ހުންނަ
ޝައުޤުވެރިކަން އިތުރުވުމެވެ. އެހެންކަމުން އިސްލާމް ކިޔަވައިދެއްވާ
މުދައްރިސުންވެސް، ދަރިވަރުންގެ ނަތީޖާ މިހާރަށްވުރެ ރަނގަޅު ކުރުމަށްޓަކައި
މަލްޓިމީޑިޔާ ޓެކްނޮލޮޖީ ބޭނުން ކުރަން ޖެހެއެވެ.
No comments:
Post a Comment