ފެންވަރު
ވަޒަންކުރަން ބޭނުންކުރި ވަޞީލަތުގައި ހުރި އިޞްލާޙު ކުރަން ފެންނަ ކަންތައްތައް
ތަޢުލީމަކީ ޒަމާނީ ވެއްޓަށް ބޭނުންވާ
އިންސާނީ ވަޞީލަތްތައް ތަރައްޤީ ކުރުމުގެ އެންމެ މުހިންމު އެއް އަސާސް
ކަމުގައިވާއިރު ތަޢުލީމުގެ ބޭނުމަކީ މުޖުތަމަޢަށް ފައިދާހުރި ރަނގަޅު ދަރިންތަކެއް
އުފެއްދުމެވެ. މިދެންނެވުނުފަދަ ދަރިންތަކެއް ބިނާކުރުމުގައި އަސަރުފޯރުވާ
ވަރަށްގިނަ ކަންތައްތަކެއް ތަޢުލީމީ ފަލްސަފާވެރިން ފާހަގަކުރައްވައެވެ. އެގޮތުން
ފެންވަރު ރަނގަޅު މުދައްރިސުންނާއި، ސްކޫލްގެ މާޙައުލާއި، ބެލެނިވެރިންގެ
ހޭލުންތެރިކަމާއި، ވަށައިގެންވާ މާޙައުލާއި ތަޢުލީމީ ދަރިންތަކަކަށް މުޖުތަމަޢު
އެދި މަސައްކަތްކުރާ މިންވަރު ހިމެނެއެވެ. އަދި މީގެ އިތުރުން ކިޔަވައިދިނުމުގައި
ބޭނުންކުރެވޭ މަންހަޖާއި، އުނގެނުމާއި އުނގަންނައިދިނުމުގައި ބޭނުންކުރާ ވަސީލަތްތަކާއި
ކިޔަވައިދިނުމުގެ ފާޑުވެރިކަމާއި ވައްޓަފާޅިއަކީވެސް މުހިންމުދައުރެއް އަދާކުރާ
ބަހާތަކެކެވެ. އަދި މިފަދަ މާތް މަޤްޞަދުގައި ކުރެވޭމަސައްކަތެއްގެ ތެރެއިން
އުފެދޭ މުޑުވަކުގެ ފެންވަރު ވަޒަންކުރުމާއި ޤާބިލިއްޔަތު ދެނެގަތުމުގައި ވީހާވެސް
ފުރިހަމަ ގޮތްތަކެއް ބޭނުންކުރުމަކީ ހަމަ އެހާމެ މުހިންމުކަމެކެވެ.
ފެންވަރު ވަޒަންކުރަން ބޭނުންކޮށްފައިވާ މި
ސުވާލުކަރުދާސް ތަހުލީލު ކުރުމުން، ސުވާލުކަރުދާހާއި، ޓޭބަލްއޮފް ސްޕެސިފިކޭޝަން
އަދި ސްކީމްއޮފް ވާރކްގައި ރަނގަޅުކުރަންޖެހޭ ކަންތައްތަކެއް ހުރިކަމަށް
އަޅުގަނޑަށް ފާހަގަކުރެވުނެވެ. އެއީ އެންމެ ފުރަތަމަ ސްކީމްއޮފް ވާރކް
ތައްޔާރުކުރިއިރު ދަރިވަރުންގެ ވިސްނުން ތަރައްޤީ ކުރެވޭފަދަ މަޤްޞަދުތަކެއް
ވަރަށްމަދު ފިލާވަޅެއްގައިނޫނީ ނެތުމާއި ޓޭބަލްއޮފް ސްޕެސިފިކޭޝަން
ތައްޔާރުކުރުމުގައި ރޭވުންތެރިކަން ކުޑަކަން ފާހަގަކުރެވުނެވެ. އަދި
ސުވާލުކަރުދާހުގައި ބްލޫމްސް ޓެކްސޮނޮމީގެ ހައިރާކީގައިވާ 6 ބައިގެ ތެރެއިން
އެންމެ މަތީ 3 ދަރަޖައިގެ އެއްވެސް ސުވާލެއް ހިމަނާފައެއް ނުވެއެވެ. އިބުރާހީމް
އިސްމާޢީލް (މަންދު) (1997) ހާމަކުރައްވާގޮތުގައި ކޮންމެ ކަމެއްނަމަވެސް އެކަމެއް
ކުރުމަށް ރޭވުމަކީ ކުރާ ކަންތައްތަކުގެ ފެންވަރު މަތިކުރެވި، މަސައްކަތަށް
ފަސޭހަވާނެކަމެކެވެ. މިގޮތުން އެސެސްމަންޓްގެ ކަންތައްތައްވެސް ކުރިއަށް
ގެންދާނެގޮތް ރާވާފައި އޮތުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ. އުނގަންނައިދިނުމުގެ
ކަންތައްތައް (ސްކީމްއޮފް ވާރކް) ރާވަމުންދާއިރު އެސެސްމަންޓްގެ ސްކީމެއް ރޭވުމަކީ
ބުއްދިވެރި ކަމެކެވެ. ސަބަބަކީ ސްކީމްއޮފް ވާރކް ރާވަނީވެސް ލަނޑުދަނޑިތަކަށް
އަމާޒުކޮށްގެންކަމަށް ވީހިނދު، އެ ލަނޑުދަނޑިއެއް ޙާޞިލުވީތޯ ބަލާނެ ގޮތަކާއި
ވަގުތެއް ކަނޑައަޅަން ފަސޭހަވާނެތީއެވެ. މިކަމާއި ގުޅޭގޮތުން އާދަމްޝަރީފު ޢުމަރު
(1999) ވިދާޅުވެފައިވަނީ " އަހަރުގެ ކިޔަވައިދިނުން ރާވަން ފަށާ ވަގުތުން
ފެށިގެން ޓެސްޓަށް ނުވަތަ ފެންވަރު ވަޒަންކުރުމަށް ތައްޔާރުވާން ޖެހޭނެއެވެ.
ސްކީމްއޮފް ވާރކްގައި އެސެސްމަންޓް ގެންދާނެ ދަނޑިވަޅުތަކާއި އުޞޫލުތަކެއް
ބަޔާންކުރެވިފައި އޮތުމަކީ ލާޒިމް ކަމެކެވެ."
މި ވަސީލަތް ތަހުލީލު ކުރުމުން ޓެސްޓުގެ ތަފުޞީލު ކަނޑައަޅާ
ތާވަލު (ޓޭބަލްއޮފް ސްޕެސިފިކޭޝަން) ގައި ޓެސްޓުގައި ހިމަނާފައިވާ ސުވާލުތަކަށް ވަކިވަކިން
ކަނޑައަޅާފައިވާ މާކުސް އެނގެންނެތްކަން ފާހަގަކުރެވުނެވެ. އެހެންކަމުން ޓޭބަލްއޮފް
ސްޕެސިފިކޭޝަން ތައްޔާރުކުރުމުގައި ރޭވުންތެރިކަން ވަރަށް ކުޑަކަން
ފާހަގަކުރެވުނެވެ. ސަޢުދުﷲ ޢަލީ (2013) ބަޔާކުރައްވާފައިވާގޮތުގައި ޓޭބަލްއޮފް
ސްޕެސިފިކޭޝަން ތައްޔާރުކުރާއިރު މުޤައްރަރުގައި ހިމެނޭ ކިޔަވައިދިނުމުގެ
ޔުނިޓްތަކުގެ ބައިތައް ތަހުލީލު ކުރަންޖެހެއެވެ. ވަޒަންކުރަން ބޭނުންވާ
އުނގެނުމުގެ ދާއިރާ (ޑޮމެއިން) އާއި އޭގެ ލެވެލްތައް ކަނޑައަޅަންޖެހެއެވެ.
މަޤްޞަދުތަކުގެ އަދަދަށް ނުވަތަ ކިޔަވައިދެވުނު ގަޑީގެ އަދަދަށް ނުވަތަ
ފިލާވަޅުތަކުގެ ސަފުޙާގެ އަދަދަށް ބަލައިގެން ކިޔަވައިދިން ބައިތަކަށް މާކުސް ދޭނެ
ބުރަދަން ކަނޑައަޅަންޖެހެއެވެ. އަދި މީގެ އިތުރުން ކޮންމެ ބަޔަކަށް ކަނޑައެޅި
މާކުސްގެ ބުރަދަން، އުނގެނުމުގެ ދާއިރާ (ޑޮމެއިން) އާއި އޭގެ ލެވެލްތަކަށް
ބަހާލާނެ ބަރުދަން ކަނޑައެޅުމަކީވެސް މުހިންމު ކަމެއްކަމަށް
ހާމަކުރައްވާފައިވެއެވެ.
ފެންވަރު ވަޒަންކުރަން ބޭނުންކޮށްފައިވާ މި ވަސީލަތުގެ
ޒަރީޢާއިން، ކުއްޖާގެ ވިސްނުމާއި އުފެއްދުންތެރި ޚިޔާލުތައް ކުރިއަރާފައިވާ
މިންވަރު ވަޒަންކުރެވިފައެއް ނުވެއެވެ. ކިޔަވައިދިނުމުގައިވެސް މަޤްޞަދުތައް
ކަނޑައަޅާއިރު ބްލޫމްސް ޓެކްސޮނޮމީގެ ހައިރާކީގައި ފާހަގަކުރެވިފައިވާ 6 ބަޔަށް
ވަރަށްބޮޑަށް ގުޅުވައިގެން ރޭވުމުން ދަރިވަރުންގެ ވިސްނުން ތަރައްޤީކޮށް
ކުރިއެރުވުމަށް މަގުފަހިވެގެން ދެއެވެ. ހަމައެހެންމެ، އިމްތިޙާނުގައި ސުވާލުތައް
ތައްޔާރުކުރާއިރުވެސް މި 6 ދަރަޖައަށް އަމާޒުކޮށްގެން ވަޒަންކުރުން ބަހާލުމުން
ދަރިވަރުން ކިޔަވާފައިވާ ބައިތަކަކީ ހަމައެކަނި މޫދުގައި އަޅާ ރޮނގެއް ފަދައިން
ފަސޭހައިން ފުހެވިގެންދާ އެއްޗަކަށް ނުވާނެކަން ޔަޤީނެވެ. ކިޔަވައިދިނުމާއި
ވަޒަންކުރުމުގައި މި 6 ދަރަޖައިގެ ސުވާލު ހިމެނުމުން ދަރިވަރުންނަށް މަޢުލޫމާތު
ބޭނުންކުރަން އެނގި ވިސްނުމުގެ މަތީ ދަރަޖަތަކަށް ދަރިވަރުންގެ ސިކުނޑިތައް
ހާނުވާލެވެއެވެ. އެހެންކަމަށްވާނަމަ އެމީހުން ކިޔަވާނިމިގެން ޢަމަލީ މައިދާނަށް
ނުކުތުމުން އޭގެ އެދެވޭ ފައިދާތަކެއް ކުރާނެކަމީ ޝައްކެއްއޮތްކަމެއްނޫނެވެ. ވީމާ
އުނގަންނައިދިނުމުގެ ޙަރަކާތްތައް ރާވަން ބޭނުންކުރާ ލަނޑުދަނޑިތައް، ހައިރާކީގެ އެކި ބައިތަކަށް ބަހާލަން ޖެހެއެވެ. އެހެންކަމުން
އުނގަންނައިދިނުމުގައި ބޭނުންކުރާ ކޮންޓެންޓާއި މެތަޑްވެސް ޚިޔާރުކުރަންވާނީ
އެކަމަށް ސަމާލުވެތިބެގެންނެވެ. ހަމައެފަދައިން ފެންވަރު ބެލުމުގައި ބޭނުންކުރާނޭ
އުކުޅުތައް ޚިޔާރުކޮށް ހަތިޔާރުތައް ތައްޔާރުކުރާއިރުވެސް މިކަމަށް ސަމާލުކަންދީ،
އެލަނޑުދަނޑިތައް ޙާޞިލްވީތޯވެސް ބަލަންޖެހޭނެއެވެ. ޢާއިޝަތު ޒަޢީމާ (2011)
ވިދާޅުވާގޮތުގައި ދަރިވަރުންނަށް އަމާޒުކޮށް ސުވާލު ކުރާއިރު ތަފާތު ލެވަލްގެ
ސުވާލު އަމާޒު ކުރުމަކީ ކުދިންގެ ވިސްނުން ފުޅާކުރުމަށް މަގުފަހިކޮށްދޭ
ކަމެއްކަމުގައި ގިނަ ދިރާސާތަކުން ސާބިތުވެއެވެ. އެހެންކަމުން ސުވާލު
އަމާޒުކުރާއިރު ވީހާގިނައިން ދަރިވަރުގެ ޚިޔާލުތައް ތަނަވަސްވާ ޒާތުގެ ސުވާލު
އިތުރުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ޚާއްޞަކޮށް ފުޅާދާއިރާގެ ސުވާލު ވީހާ
ގިނައިން ދަރިވަރުންނާ ކުރުމަކީ ކުދިންގެ ވިސްނުން ތަރައްޤީ ކުރުމަށް މަގުކޮށައިދޭ
ކަމެއްކަމުގައި ތަޢުލީމީ މާހިރުން ޤަބޫލުކުރެއެވެ. ވުމާއެކު ބްލޫމްސް ޓެކްސޮނޮމީގެ
ތަފާތު ބައިތަކަށް ފެތޭގޮތަށް ސުވާލު ޢިބާރާތްކޮށް، އެފަދަ ސުވާލުތައް ފިލާވަޅު
އޮޅުންފިލުވައިދޭއިރުއާއި ސުވާލު ކަރުދާސް ތައްޔާރުކުރާއިރު ދަރިވަރުންނާއި
ކުރިމަތިކުރުން މުހިންމެވެ.
ޙުސައިން ޙަލީމް (1999) ބަޔާންކުރައްވާފައިވާ ގޮތުގައި
ކިޔަވައިދިނުމުގެ ފެންވަރާއިމެދު އަބަދުވެސް މުދައްރިސުން ވިސްނަން ޖެހިފައި
ވެއެވެ. ދުވަހެއް ދުވަހަކަށް މިދަނީ ތަޢުލީމުގެ ފެންވަރު މަތިވަމުންނެވެ.
ކިޔަވައިދިނުމުގެ ފެންވަރު ބެލޭގޮތުގެ ސަބަބުން ސްކޫލް ތެރޭގެ އެއްކުލާސް އަނެއް
ކުލާހާއި އަޅާކިއުމުގެ އިތުރުން އެއް ސްކޫލް އަނެއް ސްކޫލާއި އަޅާ ކިޔައެވެ.
މިގޮތުން ތަޢުލީމުގެ މިންގަނޑު ޢާއްމު ރައްޔިތުން ގެންގުޅެއެވެ. މިފަދަ
މާޙައުލެއްގައި އެއްވެސް މުދައްރިސަކަށް މިކަމާއިމެދު ވިސްނާ ނުލާ ހުރުމުގެ
ފުރުޞަތެއް ނެތެވެ. މުދައްރިސުން ކިޔަވައިދޭ ވަސީލަތާއި ހުނަރުވެރިކަން އަދި
ފެންވަރު ވަޒަންކުރުމުގެ ގޮތްތައް ދުވަހެއް ދުވަހަކަށް ބަދަލުކުރަން ޖެހެއެވެ.
އެހެންކަމުން މުދައްރިސްގެ ކިޔަވައިދިނުން ރަނގަޅުކުރާނެ ގޮތްތައް
ދެނެގަތުމަށްފަހު އެގޮތަށް މުދައްރިސުންނާއި ދަރިވަރުންގެ މަސައްކަތުގެ އަޚުލާޤް
މިއަދު މިވަނީ ބަދަލުކުރަން ޖެހިފައެވެ. ފެންވަރު ވަޒަންކުރުމުގައި ކުދިންގެ
ޢިލްމީ ފެންވަރު ނުވަތަ ކޮގްނިޓިވް ޑޮމެއިން ދެނެގަތުމަށް މަސައްކަތްކުރާ ބީދައިން
އެކުދިންގެ އުނގެނުމާއި ގުޅިފައިވާ ތަފާތު ހުނަރުތައް ނުވަތަ ސައިކޮމޯޓޯ ޑޮމެއިން އާއި
ކުދިން ކަންކަމާމެދު ދެކޭގޮތް، ނުވަތަ އެފެކްޓިވް ޑޮމެއިންއަށް އަންނަ
ބަދަލުތައްވެސް ވިސްނަންޖެހެއެވެ. ކުދިންގެ ކިޔެވުމުގެ ޙަޤީޤީ ފެންވަރު
ދެނެގަނެވޭނީ އޭރުންނެވެ.
މުޙައްމަދު ރިޔާޟް
(2007) ބަޔާންކުރައްވާގޮތުގައި ފެންވަރު ވަޒަންކުރުމުގެ ދެ ބޭނުމެއް ވެއެވެ.
ފުރަތަމަ ބަޔަކީ ދެވޭ ތަޢުލީމު މިންކުރުމެވެ. އަދި ދަރިވަރުންގެ ތަޢުލީމީ ރާސްތާ
ކުރިއަށްދާ މިންވަރު ކުދިންނަށާއި ބެލެނިވެރިންނަށް އަންގައިދިނުމާއި ސްކޫލްތަކުގެ
ތަޢުލީމީ ޙާލަތު ދެނެގަތުމާއި ޢިމްމީ ބާޒާރުގައި ސްކޫލްތަކުން ދެވޭ ތަޢުލީމު
އަޅާކިއުމެވެ. ފެންވަރު ވަޒަންކުރުމުގެ ދެވަނަ ބޭނުން ބޮޑަށް އަމާޒު ކުރެވެނީ
މުދައްރިސްގެ ކިޔަވައިދިނުމަށެވެ. ސަބަބަކީ ފެންވަރު ވަޒަންކުރުމުގެ ސަބަބުން
މުދައްރިސުންގެ ކިޔަވައިދިނުން އިތުރަށް ރަނގަޅުކުރުމަށް އެހީވެދޭތީއެވެ. އަދި
ފެންވަރު ވަޒަންކުރުމުގެ ޒަރީޢާއިން ދަރިވަރަށް އެހީތެރިކަން ބޭނުންވާ ރޮނގުތައް
ފާހަގަކުރެވި އެކަމަށް އަމާޒުކޮށް، ކުދިންނަށް ފަސޭހައިން ދަސްވާ ގޮތަށް
މުދައްރިސުންގެ ކިޔަވައިދިނުން ބަދަލުކުރުމަށް ބާރުއެޅޭތީއެވެ. މިހުރިހާ
ސަބަބުތަކަށްޓަކައި ކުދިންގެ ފެންވަރު ރަނގަޅަށް ވަޒަންކުރަން ދަސްވުމަކީ ކޮންމެ މުދައްރިސަކުވެސް
ކޮންމެހެން ދަސްކުރަންޖެހޭ ކަމެކެވެ. ގިނަބަޔަކު ޤަބޫކުރާގޮތުގައި ޓެސްޓު ކުރުމަކީ
ކުދިން ކިޔެވުމަށް ޝައުޤުވެރި ކުރުވާ ތަޢުލީމީ ފަރުވާއެވެ. އަދި ދަރިވަރުގެ
ކިޔެވުމާއި ފިލާވަޅު ދަސްކުރުމާއި ރަނގަޅު އާދަތައް އަށަގަތުމަށް އެހީވެދޭ
ކަމެކެވެ.
No comments:
Post a Comment