Saturday, April 16, 2016

ކިޔަވައިދިނުމަށް މަލްޓިމީޑީޔާގެ ސަބަބުން އަންނާނެ ބަދަލުތައް



މިއީ "ކިޔަވައިދިނުމުގައި މަލްޓިމީޑިޔާގެ ދައުރު" މި މައުޟޫޢަށް 2013 ވަނަ އަހަރު އަހަރު އަޅުގަނޑު ހަދާފައިވާ އެސައިންމެންޓެއްގެ ބައެކެވެ. 
 


ކައިރި މުސްތަޤުބަލެއްގައި ކިޔަވައިދިނުމަށް މަލްޓިމީޑިޔާގެ ސަބަބުން އަންނާނެ ބަދަލުތައް  
     އުނގަންނައިދިނުމުގައި މުދައްރިސުން ބޭނުންކުރާ ގޮތްތަކާއި، އުކުޅުތައް އަންނަނީ ޒަމާނާއެއްގޮތަށް ބަދަލުވެ ތަރައްޤީވަމުންނެވެ. މިގޮތުން މިހާރު މިއީ އުނގަންނައިދިނުމާއި އެއާއި ގުޅޭ ކަންކަމުގައި މަލްޓިމީޑިޔާ ޓެކްނޮލޮޖީ ބޭނުންކުރުން އިތުރުވަމުން އަންނަ ޒަމާނެކެވެ. މުޙައްމަދު ޢަދްލީ (2012) ހާމަކުރައްވާގޮތުގައި ތަރައްޤީވަމުންއަންނަ ގައުމުތަކުގައި އުނގަންނައިދިނުމުގައި ޓެކްނޮލޮޖީ ބޭނުންކުރެވޭ މިންވަރު އަންނަނީ އިތުރުވަމުންނެވެ. އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ މިހާރުވަނީ އުނގެނުމުގައި ވަރަށް މުހިންމު ވަސީލަތަކަށްވެ، އޭގެ ބޭނުން އެތައް ގުނައަކަށް އިތުރުވެފައެވެ. އަދި އޭގެ ސަބަބުން ދަރިވަރުންގެ އުނގެނުމަށް ބޮޑެތި ކުރިއެރުންތަކެއް ގެނެސްދޭކަންވެސް ދިރާސާތަކުން ވަނީ ހޯދިފައެވެ.
       އުނގަންނައިދިނުމާއި އެއާ ގުޅޭ ކަންކަމުގައި މަލްޓިމީޑިޔާ ބޭނުން ކުރެވެމުން ދާއިރު، ކައިރި މުސްތަޤުބަލެއްގައި ކިޔަވާދިނުމަށް މަލްޓިމީޑިޔާގެ ސަބަބުން ހެޔޮބަދަލުތަކެއް އަންނާނެކަމީ ޝައްކެއްއޮތް ކަމެއްނޫނެވެ. މިހާރު ނިސްބަތުން މަދު ސްކޫލެއްގައި މަލްޓިމީޑިޔާ ބޭނުންކުރިކަމުގައިވިޔަސް މުސްތަޤުބަލުގައި މުޅި ރާއްޖެއަށް، މަލްޓިމީޑިޔާ  ތަޢާރަފުވެ ޢާއްމުވާނެއެވެ. ކިޔަވައިދިނުމުގައި މަލްޓިމީޑިޔާ ބޭނުންކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމަކަށް ވެގެންދާނެއެވެ. ޓީޗަރުން ތަމްރީން ކުރާއިރު، މަލްޓިމީޑިޔާއަށް މިހާރަށްވުރެ ބޮޑަށް އަހުލުވެރި ކުރުވާނެއެވެ. މަލްޓިމީޑިޔާގެ ސަބަބުން ކުދިންގެ ވިސްނުން ތަރައްޤީވެ، ދުނިޔެއަށް ލޯހުޅުވިގެންދާނެއެވެ. މުދައްރިސުންނާއި ދަރިވަރުންގެ މަސައްކަތްތައް މަލްޓިމީޑިޔާއަށް ބިނާކުރެވިގެން ދާނެއެވެ. އަދި ވަރަށްބޮޑަށް ޚަރަދު ކުޑަކުރެވިގެންދާނެއެވެ. މުޞްޠަފާ އިބުރާހީމް ލުޠުފީ (2011) ވިދާޅުވެފައިވަނީ އިންސާނާ މިއަދު ދިރިއުޅެން ޖެހިފައިވަނީ ވަރަށް ބާރަށް ކުރިއަރަމުންދާ ޓެކްނޮލޮޖީގެ މާޙައުލެއްގައެވެ. އެހެންކަމުން މުސްތަޤުބަލުގެ މަންހަޖަކުން ކުދިން މިކަމަށް ތައްޔާރުކޮށްދޭން ވާނެއެވެ. ޚާއްޞަކޮށް ގްލޯބަލައިޒޭޝަންގެ ސަބަބުން އެއްބަޔަކު އަނެއް ބަޔަކާ ގުޅެމުންދާ ދުނިޔެއެއްގައި މުއާޞަލާތާއި މުޢާމަލާތު ކުރުމުގައި ޓެކްނޮލޮޖީގެ ބޭނުން ހިފުމުގެ ކުޅަދާނަކަން ލިބިފައިވާންވާނެއެވެ.


No comments:

Post a Comment