މައިޞަފްޙާ

މިއީ "ކިޔަވައިދިނުމުގައި މަލްޓިމީޑިޔާގެ ދައުރު" މި މައުޟޫޢަށް 2013 ވަނަ އަހަރު އަޅުގަނޑު ހަދާފައިވާ އެސައިންމެންޓެއްގެ ބައެކެވެ. 
ކިޔަވައިދިނުމުގައި އިންޓަނެޓްގެ މުހިންމުކަން
     އިންޓަނެޓަކީ މަޢުލޫމާތުގެ ވިއުގައަކަށްވާތީ ދަރިވަރުންގެ ވިސްނުން ތަރައްޤީ ކުރަނީ މަޢުލޫމާތުގެ އެހީގައެވެ. މިއަދު އެންމެ ގިނަ މަޢުލޫމާތު ލިބެނީ އިންޓަނެޓްގެ އެހީގައެވެ. ދިރިއުޅުމުގެ ހުރިހާކަމެއް މިއަދު ވަނީ އިންޓަނެޓަށް ބަރޯސާވެފައެވެ. ހަމައެހެންމެ އިންޓަނެޓުގެ ޚިދުމަތަކީ ކިޔަވާ ކުދިންނަށްވެސް ވަރަށް މުހިންމު ޚިދުމަތެކެވެ. މުސްތަޤުބަލުގައިވެސް ބޭނުން ކުރާނެ ޚިދުމަތެކެވެ. ސްކޫލްތަކުގައި ކިޔަވާކުދިންނަށް އިންޓަނެޓްގެ ޒަރީޢާއިން ދުނިޔޭގެ ބޮޑެތި ލައިބްރަރީތަކުގެ މަޢުލޫމާތުގެ ޚަޒާނާއަށް ވަދެވުމުގެ ފުރުޞަތު އޮވެއެވެ.
       ކިޔަވައިދިނުމުގައި އިންޓަނެޓް މުހިންމުވަނީ ވަގުތު ސަލާމަތް ކުރެވޭތީއެވެ. އަދި އެއީ ބޭނުންކުރަން ފަސޭހަ ވަސީލަތަކަށް ވާތީއެވެ. އަދި ހަމައެއާއެކު ދަރިވަރުން މިޒަމާނުގެ މަލްޓިމީޑިޔާގެ ވަސީލަތްތަކަށް އަހުލުވެރި ކުރެވޭތީއެވެ. އިންޓަނެޓް މެދުވެރިކޮށް، ޚިޔާލީ ޓީޗަރެއްގެ އެހީގައި ޚިޔާލީ ކުލާހެއްގައި ކިޔަވައިދިނުމުގެ ގާބިލުކަން ހުރެއެވެ. ފަސޭކަމާއެކު ވަކިވަކި ކުދިންގެ މަސައްކަތުގެ ފެންވަރުދެނެގަތުމަށް އެހީތެރިވެދެއެވެ. މިއީ ކޮންމެ ކުއްޖެއްގެ ފެންވަރު އަޅާކިއުމަށް ފަސޭހަ ވަޞީލަތެކެވެ. ދުރުންދޭ ތަޢުލީމާއި ކުލާސްރޫމްތަކުގައި ދެވޭ ތަޢުލީމު ވަރަށް ފުޅާ ދާއިރާއެއްގައި ބޭނުން ކުރެވޭ ވަސީލަތެކެވެ. މަލްޓިމީޑިޔާގެ މުއްސަނދި ބާވަތްތައް (އެނިމޭޝަން، އަޑު، ފޮޓޯ، ވީޑިއޯ) ބޭނުންކޮށްގެން ދަރިވަރުންނާ މަޢުލޫމާތު ހިއްސާކުރުމަށް ބޭނުންކުރެވެއެވެ. އަދި މުދައްރިސުންނަށް ބަރޯސާވުމުގެ ބަދަލުގައި އިންޓަނެޓްގެ އެހީގައި ތަޢުލީމަށް ބޭނުންވާ މަޢުލޫމާތު ހޯދާ ލިބިގަތުމުގައި އެހީތެރިވެދެއެވެ. މުޙައްމަދު ނާއިފް (2012) ހާމަކުރައްވާގޮތުގައި ކޮންމެ ކުއްޖަކަށްވެސް ކިޔެވުމުގައި އިންޓަނެޓްގެ ބޭނުން ވަރަށް ބޮޑަށް ހިފިދާނެއެވެ. އެގޮތުން ރަޙުމަތްތެރިންނާއެކު ޢިލްމީ މަޝްވަރާތައް އިންޓަނެޓް މެދުވެރިކޮށް ކުރެވިދާނެއެވެ. އަދި ސްކޫލްގައި ކިޔަވަމުންދާ ފިލާވަޅާ ބެހޭގޮތުން ޙަވާލުކުރެވޭ އެކި ދިރާސާ މަސައްކަތްތައް ފުރިހަމަ ކުރުމުގައި އިންޓަނެޓުގެ ބޭނުން ހިފިދާނެއެވެ. އިންޓަނެޓް މުހިންމުވާ އެންމެ ބޮޑު އެއްސަބަބަކީ ކިޔަވައިދޭނެ ގޮތްތަކާއި، އާހޯދުންތައް އިންޓަނެޓްގެ އެހީގައި ލިބޭތީއެވެ.
       ބަނަރޑް ޖޯން ޕޫލް (2008) ވިދާޅުވާގޮތުގައި އިންޓަނެޓް ބޭނުންކޮށްގެން ޝައުޤުވެރިކަމާއެކު ކިޔަވައިދެވޭނެ ގޮތްތައް ރޭވޭނެއެވެ. އެއީ ކިޔަވައިދޭއިރު އިންޓަނެޓް ބޭނުންކޮށްގެން ތަސްވީރުތައް ހޯދައި، ކުރެހުންތަކާއި ކަންކަމާގުޅޭ ވީޑިއޯތައް ނެގުމަކީވެސް ކުރެވިދާނެ ކަންކަމެވެ. އެކަންކަމުގެ ސަބަބުން ދަރިވަރުންގެ ހުނަރު އިތުރުކުރުމަށް އެހީތެރިކަން ފޯރާނެކަންކަމެވެ. އިސްވެ ދެންނެވުނު ކަންކަމަށް ބަލާއިރު ކިޔަވައި ދިނުމުގައި އިންޓަނެޓް ބޭނުންކުރެވޭ މިންވަރު އިތުރުކުރުމަކީ ކޮންމެހެން ކުރަންޖެހޭކަމެކެވެ.

1 comment: