Saturday, August 15, 2015

ޒަކާތް



ޒަކާތް
ޒަކާތުގެ ލަފްޒީ މާނައަކީ ގިނަވުން، އިތުރުވުން، ބޮޑުވުން، ޠާހިރުވުން އަދި ބަރަކާތް ޙާޞިލުވުމެވެ. ޒަކާތް ބެހިގެންވާ 2 ބައެއް އޮވެއެވެ. އެއްބާވަތަކީ، ހަށިގަނޑުގެ ޒަކާތެވެ. އެއަށް ފިޠުރު ޒަކާތޭވެސް ކިޔައެވެ. އަނެއް ބާވަތަކީ މުދަލު ޒަކާތެވެ. މުދަލު ޒަކާތަކީ، ކަނޑައެޅިފައިވާ ވަކިބާވަތްތަކެއްގެ މުދާތަކެއް ވަކި މިންވަރަކަށް އިތުރުވެ، ކަނޑައެޅިފައިވާ މުއްދަތެއް ހަމަވުމުން ޚާއްޞަވެގެންވާ ބަޔަކަށް ދެވޭ ވާޖިބު ޙައްޤެކެވެ. ޒަކާތަކީ އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން ރުކުނަކަށް ވާއިރު ޒަކާތް ދިނުމަށް އިންކާރު ކޮށްފިނަމަ އެމީހާ ދީނުން ބޭރުވާނެއެވެ. ޒަކާތް ފަރުޟު ކުރެއްވުނީ ހިޖުރައިން 2 ވަނަ އަހަރުއެވެ.
އިބްނު އަޘީރު ވިދާޅުވާ ގޮތުގައި ޢަރަބިބަހުގައި ޒަކާތުގެ އަޞްލަކީ ޠާހިރުކަމާއި އިތުރުކަމާއި ހެދިބޮޑުވުމާއި ބަރަކާތާއި ތާރީފެވެ. ފަހެ، ޒަކާތަކީ މުދަލަށް ލިބޭ ޠާހިރުކަމެކެވެ. ފިޠުރު ޒަކާތަކީ ހަށިގަނޑަށް ލިބޭ ޠާހިރުކަމެކެވެ.
އާދަމުގެ ދަރިޔާގެ ހުރިހާ މުދަލަކުން ޒަކާތް ދޭކަށް ވާޖިބެއްނޫނެވެ. ޒަކާތް ނެރެންޖެހޭނީ ވަކި ބާވަތްތަކެއްގެ މުދަލުންނެވެ. އެއީ:
1-  ގެރި، ބަކަރި، ޖަމަލު.
2-  ރަން، ރިހި.
3-  ގޮވާމާއި މޭވާ.
4-  ވިޔަފާރި މުދާ.
5-  މައުދަނާއި ރިކާޒު. (ވަޅުމުދާ)
މުދާ ހުއްޓަސް އެންމެންނަކީ ޒަކާތް ދޭންޖެހޭ ބައެއް ނޫނެވެ. ޒަކާތް ވާޖިބުވާނީ ވަކި ޝަރުޠުތަކެއް ފުރިހަމަވުމުންނެވެ. އެއީ:
1-  މުސްލިމަކު ކަމުގައިވުން.
2-  މުދާ ފުރިހަމައަށް މިލްކުވެގެންވުން.
3-  މިނިވަނަކު ކަމުގައިވުން.
ޒަކާތަކީ އޭގެ ސަބަބުން ވަރަށް ގިނަ ބަޔަކަށް ފައިދާ ލިބޭ އަޅުކަމެކެވެ. އެގޮތުން ފާހަގަކޮށްލެވޭ ބައެއް ކަންތައްތަކަކީ:
·        ޒަކާތް ދޭ މީހާގެ ކިބައިން މުދަލަށް ދަހިވެތި ވުމުގެ ސިފަ ނެތިގޮސް ދީލަތި ވުމުގެ ސިފަ އަށަގަތުން.
·        އޭނާއާއި މުޖުތަމަޢުގެ އެހެން ފަރުދުންނާއި ދެމެދުގައި ގުޅުންތައް ބަދަހި ކުރުން.
·        މުޖުތަމަޢުގެ ފަގީރުންގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅު ކޮށްދީ ކޮންމެހެން ފުއްދަންޖެހޭ ބޭނުންތައް ފުއްދުމުގެ ތަނަވަސްކަން ލިބުމުގެ އިތުރުން ގިނަ ބަޔަކަށް މަސައްކަތް ލިބުން.
·        މުޖުތަމަޢުގެ މީހުންގެ މެދުގައި ތަފާތުތައް ކުޑަކުރުމުގައި އެހީއަކަށް ވުން.
·        ޙަސަދަވެރި ކަމާއި ނުރުހުންތެރި ވުމުގެ ބަލިތަކުން މީސްތަކުން ދުރުހެލި ވުމުގެ ބާރަކަށްވެ، އަދި އެކުވެރިކަމާއި އެއްބާރު ލުން އާލާވުން.
އިސްލާމްދީނުގައި ޒަކާތް ފަރްޟު ކުރައްވާފައިވަނީ މުއްސަނދިންގެ އަތުން ނެގެވި ދައުލަތުގެ ޚަޒާނާގައި ޖަމާކޮށް ދައުލަތުގެ ބޭނުންތަކަށް ޚަރަދު ކުރުމަކަށް ނޫނެވެ. ޒަކާތް ފަރުޟުކުރައްވާފައި ވަނީ ޒަކާތުން ދިނުމަށް ކީރިތި ޤުރްއާނުގައި ކަނޑައަޅުއްވައި އަންގަވާފައިވާ ބައިތަކަށް ހޭދަކުރުމަށެވެ. އެގޮތުން ކީރިތިޤުރްއާނުގައި ޒަކާތުގެ ޙައްޤުވެރިންގެ ގޮތުގައި އަންގަވާފައިވާ ފަރާތްތަކަކީ:
ފަޤީރުންނާއި، މިސްކީނުންނާއި، ޢާމިލުންނާއި، (ޒަކާތް ބެހުމުގެ މަސައްކަތުގައި އުޅޭ މީހުން) އަލަށް އިސްލާމްވާ މީހުންނާއި، މުކާތަބު އަޅުންނާއި، ދަރަނިވެރިންނާއި، ދަތުރުވެރިންނާއި އަދި ﷲ ގެ މަގުގައި ޖިހާދުކުރާ މީހުންނެވެ.
މުދަލުޒަކާތުގެ އިތުރަށް ފިޠުރު ޒަކާތަކީވެސް މުސްލިމުންގެ މައްޗަށް ވާޖިބުކަމެކެވެ.
ފިޠުރު ޒަކާތަކީ ރޯދަމަސް ނިމުނީމައި މުސްލިމުން، އެ ޙައްޤުވާ މީހުންނަށް ދޭ ޒަކާތެކެވެ. އެހެން ގޮތަކަށް ބުނާނަމަ ކުޅަދާނަކަން ހުރި މީހުން ކުޅަދާނަކަން ނެތް ފަޤީރުންނަށް ފޯރުކޮށްލާ މާއްދީ އެހީތެރިކަމެކެވެ. ފިޠުރު ޒަކާތް ފަރުޟު ކުރެއްވުނީ ރޯދައާއި އެކު، ހިޖުރައިން ދެވަނަ އަހަރުގައެވެ. ފިޠުރު ޒަކާތާއި މުދަލުގެ ޒަކާތަކީ މުޅިން ދެ އެއްޗެއްކަން މި ތާނގައި ފާހަގަ ކޮށްލަމެވެ. އަދި ޞަދަޤާތަކީވެސް ތަފާތު އެއްޗެކެވެ.
ރަސޫލާ ބަޔާންކޮށްދެއްވާފައިވާ ގޮތުން ފިޠުރު ޒަކާތަކީ ރޯދަވެރިއާ، ރޯދައަށްހުރެ ކުރެވޭ ކުދި ކުށްތަކުން ރޯދައަށް ބުރާފައިވާ ''ހިރަފުހުން'' އެ ސާފުކޮށްދޭ އެއްޗެކެވެ. އަދި ހަމައެހެންމެ މިއީ ރޯދަމަހު މުސްލިމުން، ފަޤީރުންގެ ކެކުޅުންތަކާއި، ބަނޑުހައިހޫނުކަން ދެނެގަނެ، އެކަން މުޖުތަމަޢުން ފޮހެލުމައްޓަކައި އަޅާ ފުރަތަމަ ފިޔަވަޅެވެ. ރަމަޟާންމަހު ގައި ތިމަންނަވީ ބަނޑުހައިކަން މިއަދު ޢީދު ދުވަހުވެސް އަނެއް އަޚާ ވާނެކަން ހަދާންނުނެތޭކަން ފިޠުރު ޒަކާތުގެ ހާލުގެ ދުލުން ބުނެއެވެ. ރޯދައަށް ހުރުމުގެ ސަބަބުން އެހެން މީހުންގެ ބަނޑުހައިހޫނުކަން އިޙްސާސް ކުރަން ދަސްވި ދަސްވުމަށް، ކުރިމަތިވާ ފުރަތަމަ ޙަޤީޤީ އިމްތިޙާނަކީ ޒަކާތް ނެރޭ ދުވަހެވެ.
މުސްލިމުންގެ ތެރެއިން، ކޮންމެ އަންހެނެއް ފިރިހެނެއް، ކުޑަކުއްޖެއް ބޮޑުމީހެއް، މިނިވަނެއް އަޅެއް، ފަޤީރެއް މުއްސަންޖެއްގެ މައްޗަށް ފިޠްރުޒަކާތް ވާޖިބުވެގެންވެއެވެ. ނަމަވެސް މި ވާޖިބުވާ މީހާގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠަކީ، ޢީދުދުވަހާއި އެރޭ އޭނާއާއި ބަލަދުވެރިން ކާނެ، އަދި ބޭނުންތައްފުއްދޭނެ ފައިސާ ނުވަތަ ތަނަވަސްކަން އަތުގައި ހުރުމެވެ.
ޖުމްހޫރު ޢިލްމުވެރިން އެއްބަސްވެވަޑައިގަންނަވާ ގޮތުން ފިޠްރު ޒަކާތް ދޭންޖެހެނީ، ކަދުރު، ހިމަގޮދަން، ހިކި މޭބިސްކަދުރު، ގޮދަން، ޗީޒު ނުވަތަ އެރަށެއްގައި ޢާއްމުކޮށް ކައިއުޅޭ ބާވަތަކުން ''ޞާޢެއް'' ގެ މިންވަރެވެ.
ޞާޢު އަކީ އާދައިގެ މީހެއްގެ ދެއަތުން، ހަތަރު ފަހަރު ނެގޭވަރެވެ. ގޮދަނުން ޞާޢަކީ ގާތްގަޑަކަށް 2.17 ގުރާމެވެ. ހަނޑުލުން 2.5 ކިލޯއެވެ. އެހެނިހެން އެއްޗެހިން، މިއަށްވުރެ މަދު ނުވަތަ ގިނަވެސް ވެދާނެއެވެ.
ޒަކާތްދޭންޖެހެނީ ކުރިންވެސް ދެންނެވިފަދައިން، އެ ތަނެއްގައި ޢާއްމުކޮށް ކައިއުޅޭ ބާވަތަކުންނެވެ. ޢާއްމުކޮށް ކައިއުޅޭއެއްޗަށްވުރެ މި ދެންނެވި އެއްޗެހީގެ ފެންވަރު ރަނގަޅުނަމަ މި އެއްޗެހިންނެވެ.
މަޢުލޫމާތު ނެގީ:
ފަސޭހަ ފިޤްހު 2